ENGLISH
02 އޯގަސްޓު 2025
މަސްތުވާތަކެތީގެ ގައުމީ ކާރިސާއިން ގައުމު ސަލާމަތް ކުރުމަށް އެންމެ ފުރަތަމަ ކަމަރުބަނދެލެއްވީ ރައީސް މުޢިއްޒު!
01 އޯގަސްޓު 2025
|
މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި، ޖަލްސާގައި ރައީސް، ރިޔާސީ ބަޔާން އިއްވަވަނީ. --ފޮޓޯ: ރައީސް އޮފީސް
މަސްތުވާތަކެއްޗަކީ ދިވެހި މުޖުތަމަޢަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގައުމީ އެއް ކާރިސާ އެވެ. ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ އިސްލާމީ ޝިޢާރުތަކަށް ލޯބިކުރާ، އަޚްލާޤީ ރިވެތި އުޞޫލުތަކެއްގެ މަތީގައި ދިރިއުޅުނު ބައެކެވެ. ނަމަވެސް، މަސްތުވާތަކެއްޗާ ހެދި މިހާރު މި މުޖުތަމަޢުގެ ބިންގާ ވަނީ ފީވެފައެވެ. ކޮންމެ ދުވަހަކު ވެސް މީޑިއާގެ ފަލަ ސުރުޚީތަކުން ފެންނަނީ މަސްތުވާތަކެއްޗާ ގުޅިގެން ހިންގާފައިވާ ޖަރީމާތަކާއި، އެ ތަކެތީގެ ސަބަބުން ޒުވާނުންގެ ދިރިއުޅުން ހަލާކުވެގެންދާ މަންޒަރުތަކެވެ.
މި ވަބާގެ ނޭދެވޭ އަސަރު ނުފޯރާ ދިވެހި އާއިލާއެއް ނެތްކަމުގައި ބުނުން ދޮގަކަށްނުވާނެއެވެ. ޒުވާނުންގެ މެދުގައި އައު ބާވަތްތަކުގެ މަސްތުވާތަކެތި އާންމުވަމުންދިޔައިރު މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނުކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
އެހެންކަމުން ދިވެހިރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ދެބަސްވުމެއް ނެތި އެންމެންގެ ޖަވާބަކަށްވާނީ މަސްތުވާތަކެތީގެ ވަބާކަން މިއީ ދެބަސްނުވެވޭނެ ހަގީގަތެކެވެ.
ކޮންމެ ކަމަކީ ވެސް ދެވި ހިފައިފާނެ ކަމެކެވެ. އެކަމަކު މަސްތުވާތަކެތި ބޭނުން ކުރުމުން ސިކުނޑިއަށް ލިބޭ އަރާމާއި ލައްޒަތުގެ އިހްސާސް ބޮޑުކަމުން މީހުން އެއަށް ލެނބޭ މިންވަރު ބޮޑުވެއެވެ.
މުޅި ދުނިޔޭގައި ވެސް މީހުން މަރުވާ އެންމެ ބޮޑު އެއް ސަބަބަކީ މަސްތުވާތަކެތީގެ ވަބާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާރު އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދަށް ވުރެ ގިނައިން މީހުން މަރުވަނީ މަސްތުވާތަކެއްޗަށް އޯވަރޑޯޒް ވެގެންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު
މި ކުޑަކުޑަ ގައުމަށް ބަލާއިރު، ރާއްޖޭގައި ވެސް މަސްތުވާތަކެތީގެ މައްސަލަ އޮތީ ހައްދުފަހަނަޅާފައެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ވައްކަމުގެ މައްސަލަތައް އިތުރުވުމާ، ގޭތެރޭގެ ހަމަޖެހުން ގެއްލުމާއި، ޢާއިލާތައް ބައިބައިވުން ފަދަ އެތައް ޖިނާއީ ކުށެއް އަދި އިޖުތިމާއީ އެތައް މައްސަލައެއް އާންމުވެފައިވެއެވެ.
މަސްތުވާތަކެތީގެ ސަބަބުން ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ޚަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި، ތަހުގީގީ، ތަންފީޒީ އަދި ޝަރުއީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވެގެން ދިއުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ތަރައްގީގެ މަޝްރޫއަށް ކުރެވޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދެއެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެއީ ގައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ކަމާގުޅޭ މާހިރުން ވިދާޅުވެއެވެ. ގައުމު ބިނާކުރުމުގައި މާދަމާ ހަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ.
މަސްތުވާތަކެތީގެ ސަބަބުން ނުކުންނަ އިގްތިޞާދީ މައްސަލަތަކުގެ ތެރޭގައި ދިވެހި އިގްތިޞާދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނެއެވެ.
މިދިޔަ ސަރުކާރުތަކުން ކުރި މަސައްކަތްތަކާއި އޭގެ ދޯހަޅިކަން
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުތަކުން ވެސް އެކި މަސައްކަތްތައް ކޮށްފައިވެއެވެ. މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރެވި، މައުލޫމާތު ދިނުމުގެ ކެމްޕޭންތައް ހިންގުނެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުން ހައްޔަރުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެކި އޮޕަރޭޝަންތައް ވެސް ހިންގާފައިވެއެވެ.
ނަމަވެސް ކުރީ ސަރުކާރުތަކުން މަސްތުވާތަކެތީގެ މައްސަލަ ދޫކޮށްލާފައިވާ މިންވަރު ކިޔައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވީ 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ވުޖުދޫވިފަހުން، ގާނޫނަށް ދެ އިސްލާހެއް ގެނެވިފައި އޮތީ ހަމައެކަނި 2015 ވަނަ އަހަރު އެކަނި ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާއި މީހުންނަށް ދޭންޖެހޭ ފަރުވާދިނުމުގައި، މަސައްކަތް ކުރަންވީވަރަށް ނުކުރެވޭކަން ހާމަވެފައިވާ އަނެއް ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމަށް ޤައުމީ ފެންވަރުގައި ކުރި ދިރާސާ ރިޕޯޓެވެ. ދެހާސް ތޭރަ ވަނަ އަހަރު އާންމު ކުރި މި ރިޕޯޓުގައި މި ސާރވޭ ކުރެވުނު ކުދިންނާއި މީހުންގެ ތެރެއިން 15 އަހަރާއި 64 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 7500 ކުދިންނާއި މީހުން މަސްތުވާތަކެތި ބޭނުންކުރާކަން ވަނީ ހާމަވެފައެވެ.
މީގެ އިތުރުން ރިހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާ ލިބިގަންނަ ފަރާތްތަކަށް ފަރުވާއަށްފަހު މުޖުތަމަޢަށް އަލުން ތައާރަފުވުމަށް ބޭނުންވާ އެހީތެރިކަން ނުލިބުމަކީ ވެސް ބޮޑު މައްސަލައެކެވެ. މި ސަބަބުތަކާ ހެދި، ފަރުވާ ލިބިގަތުމަށްފަހު އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން ގިނަވެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރީގެ ފަހަތުގައި ތިބި ބޮޑެތި މީހުންނަށް އެކަށީގެންވާ ގޮތެއްގައި މީގެ ކުރިން އަދަބު ދެވިފައިނެތުމަކީ ވެސް ބޮޑު މައްސަލައެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ފިޔަވަޅުތައް
މިދިޔަ ހުރިހާ ސަރުކާރުތަކާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ. ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއާއި އެ ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކާ، ސަރުކާރުން މަތިކޮށްފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި މައްސަލައިގެ ފަހަތުގައިވާ މައިގަނޑު ދެ ސަބަބު ހައްލުކުރުމަށް އަންނަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމެވެ. ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވި އަހަރުވެސް ސަރުކާރުން ކުރިއެވެ. ފާއިތުވި 2024 ވަނަަ އަހަރު މަސްތުވާތަކެތެއްޗާ ގުޅުންހުރި 158 އޮޕަރޭޝަން ފުލުހުން ހިންގިއެވެ. އެ އޮޕަރޭޝަންތަކުގައި 12،561 މީހަކު ބަލައި ފާސްކުރިއެވެ. އެއްހާސް ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ފާއިތުވި 18 މަހަށް ބަލާއިރު މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން ކަމާ ބެހޭ އިދާރާތަކުން ކުރި މަސައްކަތްތަކުން އެ މުއްދަތުގައި 700 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެއީ މަގުމަތީ އަގަށް ބަލާނަމަ، 1.4 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗެެވެ. އޭގެ އިތުރަށް 9000 އަށްވުރެ ގިނަ ރާފުޅި ރާއްޖޭގެ އެކި ރަށްރަށުން އަތުލައިގެންފައިވެއެވެ.
މި ކާމިޔާބުގެ އެންމެ ބޮޑު އެއް ސިއްރަކީ ވައިގެ މަގުންނާއި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެވެ. އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނާ ސްކޭނަރެއް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޑްރަގު ކޯޓުން ފަރުވާދިނުމަށް އަމުރުކޮށްފައި، އެކަމަކު ފަރުވާއަށް ނުގެންެދެވި ގިނަ ބަޔަކު ތިއްބެވެ. އެމީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަނުޖެހުމުގެ ސަބަބުން މުޖުތަމައު ތެރެއަށް ގިނަވެ، އާއްމުންނަށް އުނދަގޫވާ މިންވަރަށް މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަގުމަތީ ގިނަވިއެވެ.
ސަރުކާރު ބަދަލުވުމާއެކު މިފަދަ ގިނަ ބަޔަކު ރިހެބް ސެންޓަރުތަކަށް ގެންދަން ފެށިއެވެ. ނިމުނު އަހަރު ފަރުވާއަށް ގެންދަން ކޯޓުން އަމުރުކުރި 586 މީހުންގެ ތެރެއިން 419 މީހުން ފަރުވާ ފުރިހަމަކުރިއެވެ. އެންމެންވެސް ފަރުވާއަށް ގެންދިޔައެވެ.
އޭގެ އިތުރަށް މުޖުތަމައުގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އަންނަނީ ހަމަޖައްސައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ފުޅާކުރަމުންނެވެ. ފަރުވާ ހޯދަމުންދާ އަދި ފަރުވާ ފުރިހަމަކުރާ މީހުންނަށް މުޖުތަމައުގައި ދިރިއުޅެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އަންނަނީ އެ މީހުންނަށް ވަޒީފާގެ ފުރުސަަތުތައް ފަހިކުރުމުގެ މަސައްކަތްކުރަމުންނެވެ.
އޭގެ އިތުރަށް މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން މަގުމަތިވެފައި ތިބި ޒުވާނުން މަގުމަތިން ނަގައި ރިމާންޑު ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން 178 މީހަކު މަގުމަތިން ނަގައި ރިމާންޑު ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތްވަނީ ފަށައިފައެވެ.
އެކަމަށްޓަކައި ރިމާންޑު ސެންޓަރުތައް އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށައިފައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އަލަށް ޤާއިމުކުރާ ރިމާންޑް ސެންޓަރުތައް ހުންނާނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުދޫގައެވެ. ހުޅުމާލެ އާއި ހިންމަފުށީގައި ވެސް ރިމާންޑު ސެންޓަރުތައް މިހާރު ހިންގައެވެ.
މި މައްސަލައަކީ ހަމައެކަނި ސަރުކާރަކަށް ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން ދެނެވަޑައިގެން، އާއިލާތަކާއި، މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ރައީސް ގޮވާލައްވަމުން ގެންދަވައެވެ. އަދި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ގާނޫނުގައި ކަނޑައެޅުއްވުމަށް ބޭނުންވާކަން ވެސް އެމަނިކުފާނު މިވަނީ މިހާރު ހާމަކުރައްވައިފައެވެ.
އެމަނިކުފާނުގެ މި އަމާޒާ އެއްގޮތަށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ބިލް ނިންމަން މަސައްކަތް ކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުގެ ފަހި މުސްތަޤްބަލަށް ހުރި ނުރައްކަލެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ހަމައެކަނި ސަރުކާރުގެ މަސައްކަތްތައް ފުދެއެވެ. ކޮންމެ ރައްޔިތެއްގެ ވެސް ބައިވެރިވުމާއި، އާއިލާގެ އެއްބާރުލުން މި މައްސަލަ ނައްތާލުމަށް ކޮންމެހެން ބޭނުންވެއެވެ. ޒުވާނުންނަށް ދީނީ ތަރުބިއްޔަތާއި، ރަނގަޅު ތަޢުލީމެއް ދީ، މުޖުތަމަޢުގައި ހިމޭންކަމާއި، ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުން ނޫނީ މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވެވޭނެ ކަމަކަށް ނުފެނެއެވެ. މި ގައުމީ ކާރިސާ ނައްތާލުމަށްޓަކައި ދެމިތިބެ ކުރާނެ މަސައްކަތްތަކުން ނޫނީ ނަތީޖާއެއް ނުފެންނާނެކަން ކަށަވަރެވެ.