ENGLISH
02 އޯގަސްޓު 2025
ޤުރްއާން ހިތުދަސްކުރުމަކީ، ﷲ ތަޢާލާ ޤުރްއާން ރައްކާކުރައްވާ އެއްގޮތް: ހުކުރު ޚުޠުބާ
01 އޯގަސްޓު 2025
|
ﷲ ތަޢާލާ ވަނީ ޤިޔާމަތާއި ހަމައަށް ދެމިގެންދާނެ ގޮތަށް، ޤުރްއާން ރައްކާތެރިކުރައްވާފައި ކަމަށާއި، ޤުރްއާން ހިތުދަސްކުރުމަކީ ޤުރްއާން ރައްކާތެރިކުރައްވާފައިވާ އެއްގޮތް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަން" މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައި ވަނީ، ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަމާއި، ޤުރްއާން ހިތުދަސްކުރާ މީހުނަށްހުރި ދަރުމައިގެ ވާހަކަ ވަރަށް ފުރިހަމައަށް ގެނެސްދީފައެވެ. އެގޮތުން، ޚުޠުބާ ފަށާފައިވަނީ، ކީރިތި ޤުރްއާނުގެ ތަޢާރަފަކުންނެވެ؛ "ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމައަށް ދެމިގެންދާ މުޢުޖިޒާތެއް ކަމުގައި ލައްވާފައިވާ މާތްﷲ ގެ ކަލާމްފުޅެވެ."
ޚުޠުބާގައި ވަނީ، ޙާފިޡުންނަށް އިސްލާމްދީން ދީފައިވާ މަޤާމު ދޭހަކޮށްދޭ އެތައް ޙަދީޘެއް ގެނެސްފައެވެ. އެގޮތުން، މުސްކުޅިވެ ނުރަޖަހާފައިވާ މުސްލިމާއަށާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، ކަންދެއްކުމެއްނެތި، އަދި އެ ފޮތަށް ފުރަގަސް ދިނުމެއްނެތި، އެ ފޮތް ކިޔަވާ، އެއަށް ޢަމަލުކުރާ މީހާއަށާއި، ޢަދުލުވެރި ވެރިމީހާއަށް މާތްކޮށް ހިތާ، ކަމޭހިތުމަކީ ﷲ ތަޢާލާ މާތްކޮށް، މަތިވެރިކުރުމުގެ ތެރެއިންވާ ކަމެއް ކަމަށް އައިސްފައިވާ ޙަދީޘް ޚުތުބާގައި ގެނެސްފައިވެއެވެ.
ކީރިތި ޤުރްއާން ކިޔަވާ، އެއަށް ޢަމަލުކުރުމުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ މުހިންމުކަމެކެވެ. އަދި، ކީރިތި ޤުރްއާނުގެ އެއްވެސް މިންވަރެއް ހިތުސަދްކޮށްފައި ނުވާ މީހާގެ މިސާލަކީ، ވީރާނާވެފައިވާ ފަޅު ގެއެއްގެ މިސާލުކަމަށް، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވާ، ގިނަގިނައިން ޤުރްއާން އަޑުއަހައިގެން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި، ޤުރްއާން ހިތުދަސްކުރުމުގައި ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހަފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުން ލިބޭނެ މަތިވެރި ދަރަޖަ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ކީރިތި ޤުރްއާން އުނގެނި، އެ ފޮތް ހިތުދަސްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރި މީހުންނާ މުޚާޠަބުކޮށް ޤިޔާމަތް ދުވަހު، ބުނެވޭނެ ކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅު، ޚުޠުބާގައި ގެނެސްފައިވެއެވެ؛ "ތިބާ ކިޔަވަމުންދާށެވެ! އަދި ތިބާގެ ދަރަޖަ މަތިވެރިކުރަމުންދާށެވެ! އަދި ތިބާ ދުނިޔޭގައި ތަރުތީލުމަގުން އެ ފޮތް ކިޔަވާ އުޅުނު ފަދައިން ތަރުތީލުކޮށް ކިޔަވާށެވެ! ފަހެ ހަމަކަށަވަރުން ސުވަރުގޭގައި ތިބާގެ ދަރަޖަ ވާހުށީ، އެންމެ ފަހުން ތިބާ ކިޔަވާ އާޔަތަކާ ހަމައިގައެވެ."
ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ޤިޔާމަތް ދުވަހުގެ އިތުރަށް، ދުނިޔޭގައިވެސް އޭގެ މަންފާކުރާނެ ކަމެއް ކަމަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުގެ އަލީގައި ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން، ދުނިޔޭގައި އެކަމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، އިމާމުވެ ނަމާދުކުރުމުގެ ޝަރަފު ލިބުމެވެ. އަދި، އެއީ މަރުވުމަށްފަހު ވެސް އޭގެ ފައިދާކުރާނެ ކަމެކެވެ. އުޙުދު ހަނގުރާމައިގެ ޝަހީދުން، އެއް ކަފުނެއްގައި ދެ ބޭކަލުން ކަފުންކުރެއްވި ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑަށް ޤުރްއާން ދެނެވަޑައިގަންނެވި ބޭފުޅާ، ޤިބުލައާވީ ފަރާތަށް އިސްކުރެއްވި ކަމަށް އައިސްފައިވާ، އިމާމް ބުޚާރީގެ ރިވާޔަތެއް ޚުޠުބާގައި ގެނެސްފައިވެއެވެ.
ޤުރްއާން ހިތުދަސްކުރުމަކީ އެހެން ޢިލްމުތައް އުނގެނެން ފަސޭހަވާނެ ކަމެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، ޤުރްއާން ހިތުދަސްކުރުމާއެކު، ހިތުދަސްކުރި މިންވަރު ހަނދާން ނެތުނަ ނުދީ ހިފެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެގޮތުން، ޤުރްއާން މުރާޖަޢާ ނުކުރާނަމަ، ބަނދެފައިވާ ޖަމަލެއް މޮހެލުމުން ފިލަން ދުއްވައިގަންނަ ވަރަށްވުރެ ހަލުއި މިނުގައި އެ މީހާގެ ހިތުން ޤުރްއާން ފިލައިގެންދާނެ ކަމަށް އައިސްފައިވާ، ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅު ޚުޠުބާގައި ގެނެސްފައިވެއެވެ.
ޚުޠުބާ ނިންމާލާފައިވަނީ، އެއުރެންނާ ޙަވާލުކުރެވިފައިވާ މަތިވެރި އަމާނާތަށް ރައްކާތެރިވެ، އިތުރު ޖީލަކަށް ކީރިތި ޤުރްއާން ފޯރުކޮށްދިނުމަކީ އުފަލެއް ކަމަށް ދެކުމަށް ޤުރްއާނުގެ އަހުލުވެރިންނަށް ވަޞިއްޔަތްކުރަމުންނެވެ.