ENGLISH
02 އޯގަސްޓު 2025
ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ޤަރާރު ބަލައިގަތުމުން ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ
31 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ ގައި ތަޤުރީރު ކުރައްވަނީ --
ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވަނީ އެ ނިންމުމަށް މަރުޙަބާ ވިދާޅުވެ ރަސްމީ ބަޔާނެއް ނެރުއްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމެއްގައި ވިދާޅުވެފަ އެވެ.
އަދި ވިދާޅުވީ "ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށެވެ.
މީގެ އިތުރުން އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމަށް ވެސް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަބަދުވެސް ގަދަ އަޑެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި ވަނީ އިތުރަށް ގަދަ ކުރައްވާފަ އެވެ. ބައިނަަލްއަޤްވާމީ މުހިންްމު ކޮންމެ ޕްލެޓްފޯމެއްގައި ހެން އެމަނިކުފާނު ގެންދަވަނީ އެ ވާހަކަފުޅުތައް ތަކުރާރު ކުރައްވަމުންނެވެ.