ENGLISH
02 އޯގަސްޓު 2025
ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި
31 ޖުލައި 2025
|
ތުހުމަތުގައި ހައްޔަރު ކުރި މީހާ --
ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި އެވެ.
ފޭސްބުކްގައި "މަސީޙް މޫސާ" ނަމުގައި ހިންގާ އެކައުންޓަކުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ހުތުރު ބަސްތަކެއް ބޭނުންކޮށްގެން އެމަނިކުފާނަށް މަރުގެ އިންޒާރުދީ ޕޯސްޓެއް ކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން އާންމުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދި އެ މައްސަލަ ބަލަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތު އޮތް މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ތ. ތިމަރަފުށީ, މަލަސް މަސީޙު މޫސާ އެވެ.
އުމުރުން 25 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރަން ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ އަންގަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި ކަމަށް ވިދާޅުވި އެވެ.
މަަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެތަކެތި އެތެރެވުން ހުއްޓުވާ އޭގެ ވިޔަފާރީގައި އުޅޭ ބޮޑުން ދަނީ ހައްޔަރު ކުރަމުންނެވެ.