ENGLISH

02 އޯގަސްޓު 2025

Advertisement

ހަ ރަށެއްގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

31 ޖުލައި 2025

|

ޢަލީ ޝަހީމް

ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ހެލްތު މިނިސްޓްރީ

ހަ ރަށެއްގެ ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރަން އަމިއްލަ ތިން ކުންފުންޏަކާ މިއަދު ޙަވާލުކޮށްފިއެވެ. 

ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރަނީ ހއ. ވަށަފަރު، ހއ. ތުރާކުނު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫގައެވެ. 

ވަށަފަރު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން 210 ދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ. ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރާއިރު، ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ. 

ތުރާކުނު ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން، އޮފީސް އިމާރާތަކާއި، މީޓިން ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީ ޖާގަ އިތުރުކުރުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް 3.4 މިލިއަން ރުފިޔާއަށް ޙަވާލުކުރީ 180 ދުވަސްތެރޭ ނިންމާ ގޮތަށެވެ. 

ވަށަފަރާއި ތުރާކުނު ޞިއްޙީ މަރުކަޒުގެ މަސައްކަތް ޙަވާލުކުރީ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މާކެޓިންގ ޑިރެކްޓަރ، މުޙައްމަދު ޢިމާދުއެވެ.  

ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޙަވާލުކުރީ "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރ، ހުސެއިން އަންވަރު އެވެ. 

ޅައިމަގު ޞިއްޙީ މަރުކަޒަށް ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ. އެ މަސައްކަތް 180 ދުވަހުން ނިންމަން ޙަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ. 

ނ. މަގޫދޫ، ބިލެއްދޫ އަދި ދަރަނބޫދޫގެ ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ޙަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ލީގަލް ކައުންސެލް، މުޙައްމަދު ޒަޔާން ޢަބްދުﷲ އެވެ. 

މަގޫދޫ ޞިއްޙީ މަރުކަޒުގެ އެއްބަސްވުމާއެކު، އެރަށުގެ ޞިއްޙީ މަރުކަޒަށް ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ. މަގޫދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ. 

ބިލެއްދޫ މަރުކަޒު އަޕްގްރޭޑްކުރާނީ ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ލޭބަރ ރޫމް، އަދި ސްޓޯރ ރޫމެއް ހިމެނޭ ގޮތަށެވެ. އެ މަރުކަޒު 4.3 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމަން ޖެހެއެވެ. 

ދަރަނބޫދޫ ޞިއްޙީ މަރުކަޒު 210 ދުވަސް ތެރޭ ނިންމަން 4.8 މިލިއަން ރުފިޔާ ހޭދަކުރެއެވެ. އެރަށުގެ ޞިއްޙީ މަރުކަޒު ނިމޭއިރު ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ. 

މިއަދު މިނިސްޓްރީ އޮފް ހެލްތުގައި އޮތް ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، އަލްއުސްތާޛް އިސްމާޢިލް ޒާހިރުއެވެ.

ހަ ރަށެއްގެ ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރަން އަމިއްލަ ކުންފުނިތަކާ ޙަވާލުކުރިއިރު، މިއަދު ވަނީ ތ. ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީކުރުމާއި، އިތުރު ހަތަރު ރަށެއްގެ އައުޓްޑޯ ޖިމް ތަރައްޤީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު