ENGLISH

01 އޯގަސްޓު 2025

Advertisement

ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި

31 ޖުލައި 2025

|

ޢަލީ ޝަހީމް

ޖުލައި މަހުގެ 28 ވަނަ ދުވަހު އަވަހާރަވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް އެކުލަވާލައި އާއްމުކޮށް ހުޅުވާލައިފިއެވެ. 

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު "އެކްސް" ގައި އާއްމުކުރި ޕޯސްޓުގައި ބުނީ، ދިވެހި ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޞާބިރުގެ ހަނދާނުގައި ދަފްތަރު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން އޮގަސްޓް 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހުގެ 1:00 އަށް ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ ފަތުރުވެރިކަމާއި ތިމާވެއްޓާ ވުޒާރާގެ އޮފީހުގައި ދަފްތަރު ހުޅުވިފައި އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވަޑައިގެންފައިވެއެވެ. އަދި، މިހާރު ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަޤާމް ފުރުއްވަމުން ގެންދަވާ ޠާރިޤު އިބްރާހީމް ދަފްތަރުގައި ސޮއިކުރައްވާފައިވެއެވެ. 

އަވަހާރަވީއިރު ޞާބިރު ހުންނެވީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ. 

ޞާބިރުގެ ގައުމީ ހިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވުމަށް ނިންމަވައި 27 ޖުލައި 2025 ގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް އެ ޝަރަފު އަރުވާފައިވެއެވެ. އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާއަށް ޞާބިރަށް ވަޑައިނުގެންނެވުމުން ޝަރަފާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ. 

އޭގެ އެއްދުވަސް ފަހުން، އުމުރުފުޅުން 73 އަހަރުގައި ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު