ENGLISH
01 އޯގަސްޓު 2025
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖަމީލާއި ޝަހީދު އައްޔަނުކުރަން ނިންމައިފި
31 ޖުލައި 2025
|
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވަން ނިންމެވި ޖަމީލާއި ޝަހީދު. ފޮޓޯ: ޕީއެސްއެމް
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އާއި އަލްއުސްތާޛު މުޙައްމަދު ޝަހީދު އައްޔަނުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީއިން މިއަދު ހާމަކުރި މައުލޫމާތުގައި ބުނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޖަމީލާއި ޝަހީދު އައްޔަނުކުރަން ނިންނީ، ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހުގައި ކަމަށެވެ. އަދި، 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުގައި އެގޮތަށް ނިންމަވާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖަމީލަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރުން ފެށިގެން 2009 ޖަނަވަރީގެ ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވިއެވެ. އަދި، 2009 ފެބްރުވަރީ މަހުން ފެށިގެން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.
ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.