ENGLISH
01 އޯގަސްޓު 2025
ތިމަރަފުށީ ފުޓްސަލް ދަނޑާއި ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ތަރައްޤީކުރަން އާރުޑީސީއާ ހަވާލުކޮށްފި
31 ޖުލައި 2025
|
ކުޅިވަރު ވުޒާރާއާއި އާރުޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އާރުޑީސީ
ފުޓްސަލްގައި މަޝްހޫރު ތ. ތިމަރަފުށީގެ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ.
ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް 120 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެ މަސައްކަތަށް ޚަރަދުވާނީ 1،765،248.12 ރުފިޔާއެވެ.
ތިމަރަފުށީގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް ނެތުމުގެ ޝަކުވާ އެރަށުގެ ޒުވާނުން ކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. ސަރުކާރުން ތިމަރަފުށީގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ތަރައްޤީކުރަން ނިންމުމާއެކު، އެރަށުގައި ގިނަ މުބާރާތްތައް ބާއްވައި ކުޅުންތެރިން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
ކުޅިވަރު ވުޒާރާއާ ގުޅިގެން އާރުޑީސީން އައުޓްޑޯ ޖިމްގެ މަސައްކަތްކުރާނީ ރ. މާކުރަތު، ކ. މާފުށި، ކ. ގާފަރު އަދި ލ. ކަލައިދޫގައެވެ.
މާކުރަތާއި ގާފަރުގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ އެ މަސައްކަތް 60 ދުވަސްތެރޭ ނިންމަންޖެހެއެވެ. މާކުރަތާއި ގާފަރުގައި އައުޓްޑޯ ޖިމް ހެދުމަށް، ކޮންމެ ރަށަކަށް 453،000 ރުފިޔާ ޚަރަދުކުރާނެއެވެ.
މާފުއްޓާއި ކަލައިދޫގައި ކުރިއަށްގެންދާނީ އައުޓްޑޯ ޖިމަށް ބޭނުންވާ އިކުއިޕްމަންޓް ބަދަލުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތަށް ކޮންމެ ރަށަކަށް ކަނޑައަޅާފައިވަނީ 291،600 ރުފިޔާއެވެ. އެ މަސައްކަތް ވެސް ނިންމަން ދީފައިވަނީ 60 ދުވަހުގެ މުއްދަތެކެވެ.
މުޅި ރާއްޖޭގައި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ފުޓްސަލް ދަނޑާއި ހަތަރު އައުޓްޑޯ ޖިމް ތަރައްޤީކުރުމުގެ އިތުރުން ވެސް އާރުޑީސީން އަންނަނީ ގިނަ ރަށްތަކެއްގައި މަޝްރޫޢުތައް ހިންގަމުންނެވެ.