ENGLISH
01 އޯގަސްޓު 2025
ރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމަންޓް ރިޕޯޓް އިފްތިތާހުކޮށްފި
31 ޖުލައި 2025
|
ދިވެހިރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމަންޓް ރިޕޯޓް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމަންޓް ރިޕޯޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތު އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އެވެ.
މި މަސައްކަތަކީ ޔުނެސްކޯގެ އިސްނެންގެވުމުގެ މަތިން، އެންސީއައިޓީއާ އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
އޭ.އައި. ރެޑިނަސް އެސެސްމެންޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްތީދުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައިގެންނެވެ. އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްޤުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
އޮނިގަނޑުގެ އިތުރު މަޤްޞަދުތަކުގެ ތެރޭގައި، ޒިންމާދާރުކަމާއި، ދެފުށް ފެންނާނެހެން ފަރުދުންގެ ޒާތީ މަޢުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުން ވެސް ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ކިނާނަތު ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބި އަދި ހާއްސަކޮށް އޭއައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެކަމަށެވެ.
މި ބައްދަލުވުމުގައި ޔުނެސްކޯ، ސައުތު އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އަދި އދ. އިން ދިވެހިރާއްޖޭއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒެންގް އަދި ޔުނެސްކޯގެ ސައުތު އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓަރ، މިސް އިންސޮގ ކިމްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.