ENGLISH
05 ނޮވެމްބަރު 2025
އެސްޓީއޯގެ މާލީ ހިސާބު: މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ސާފު ފައިދާ 10 އިންސައްތަ އިތުރު
31 ޖުލައި 2025
|
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ރޭ އާއްމުކުރިއިރު، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު 10 އިންސައްތަ އިތުރުވެއްޖެއެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން މިއަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ހުރީ 198 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 163 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ދެވަނަ ކުއާޓާ ނިމުނުއިރު ސާފު ފައިދާއަކީ 147.9 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓާއާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގެ ސާފު ފައިދާ އިތުރުވީ 15 މިލިއަން ރުފިޔާއިންނެވެ. އެއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓާގެ ސާފު ފައިދާ އިތުރުވިޔަސް، މިއަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާކިޔާއިރު އެސްޓީއޯގެ ފައިދާ ވަނީ ދެ އިންސައްތަ ދަށްވެފައެވެ. އަދި، އާމްދަނީ ވަނީ 12 އިންސައްތަ ދަށްވެފައެވެ.
އެސްޓީއޯއިން ބުނިގޮތުގައި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ ދަށްވުމުގެ ސަބަބަކީ، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި، މިދިޔަ ކުއާޓާގައި ތެލުގެ ޑިމާންޑް ދަށްވުމެވެ.
ތެލުގެ ވިޔަފާރިއަކީ އެ ކުންފުނީގެ އެންމެ ބޮޑު އާމްދަނީއެވެ. ތެލުގެ ވިޔަފާރި ދަށްވި ނަމަވެސް އެހެނިހެން އާމްދަނީ އިތުރުވެފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ. އެގޮތުން އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީގެ ކުރިއެރުން 6 އިންސައްތަ އިތުރުވެފައިވާކަމަށް އެންމެ ފަހުގެ މާލީ ހިސާބުތަކުން ވަނީ ދައްކާފައެވެ.