ENGLISH

01 އޯގަސްޓު 2025

Advertisement

އަބްދުއްރަޙްމާން މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން: އޮޓޮސްޕީ ވަގުތީ ރިޕޯޓް

31 ޖުލައި 2025

|

ޢަލީ ޝަހީމް

އއ. މާޅޮސް، އެރަށުގައި މަރާލި އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ބުނެފައި

މިއަހަރުގެ ޖުލައި 13 ވަނަ ދުވަހު އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހްމާން އާދަމް މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީ ވަގުތީ ރިޕޯޓާ ޙަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އއ. މާޅޮސް، މާހިިޔާ ގޭގައި މަރާލާފައި އޮއްވައި ފެނުނީ އެރޭ ދަންވަރެވެ. އޭރު އެގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އެކަންޏެވެ. 

އޮޓޮޕްސީ ހެއްދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ ޖުލައި 21 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު މީޑިއާތަކާ މެސެޖު ހިއްސާކުރީ އޮޓޮޕްސީ ވަގުތީ ރިޕޯޓާ ޙަވާލާދީއެވެ. 

"އަބްދުއްރަހްމާން އާދަމް ނިިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ. 

އަބްދުއްރަހްމާން ދިރިއުޅުނު ގޭގެ ސަރަޙައްދު ބަންދުކޮށްގެން ފުލުހުން ދަނީ ތަހުގީގު ހިންގަމުންނެވެ. އެކަމަކު މިހާތަނަށް އެކަކުވެސް އެ މައްސަލައިގައި ހައްޔަރުކޮށްފައެއްނުވާކަމަށް މިއަދު ފުލުހުން ވަނީ މައުލޫމާތުދީފައެވެ. 

މައްސަލައިގެ ތަހުގީގަށް އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާގެ ފޯނު ހިފެހެއްޓިއެވެ. އެކަމަކު، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފޯނު މިހާރު ވަނީ އަނބުރާދީފައެވެ. 

އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ތަހުގީގުގައި ފުލުހުން ވަނީ އެގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި ސުވާލުކޮށްފައެވެ. އަދި، އެރަށު ސީސީޓީވީ ފުޓޭޖްތައް ވެސް ވަނީ ބަލައިފައެވެ. 

އަބްދުއްރަޙްމާންގެ މަރުގެ ތަހުގީގު ކުރުމަށް މާޅޮހުގައި ފުލުހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު