ENGLISH
01 އޯގަސްޓު 2025
ޕާސްޕޯޓުގެ ޚިދުމަތަށް އުނގޫފާރުން ބޮޑު ތަރުހީބެއް، މިހާތަނަށް 346 ޕާސްޕޯޓް ދޫކޮށްފި
31 ޖުލައި 2025
|
މިދިޔަ ޖަނަވަރީ މަހު އުނގޫފާރުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އަތޮޅުތަކަށް ފުޅާކުރަމުން އަންނަ ޕާސްޕޯޓް ހެއްދުމުގެ ހިދުމަތާއެކު، ރ. އުނގޫފާރުން މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރުމާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކަކަށް އެ ދެ ޚިދުމަތް އަންނަނީ ތަޢާރަފްކުރަމުންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓުގައި ވަނީ ރ. އުނގޫފާރުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުމާއެކު، އެރަށުން ބޮޑު ތަރުހީބެއް ލިބުނުކަމަށް ބުނެފައެވެ.
ސަރުކާރުން އުނގޫފާރުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށީ މިއަހަރުގެ ޖަނަވަރީ މަހެވެ. އޭގެފަހުން ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް އެރަށުން 346 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ އެ ޚިދުމަތް ކޮންމެ ހަފްތާއަކުވެސް އުނގޫފާރުން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި، "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ. އަތޮޅުން ނަގަން ބޭނުންވާ ފަރާތްތަކުން ކަލެެކްޝަން ޕޮއިންޓެއްގެ ގޮތުގައި ރ. އުނގޫފާރު ޚިޔާރުކުރެވޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ.
ސަރުކާރުން ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް އަތޮޅުތަކަށް ފުޅާކުރަން ފެށިއިރު، އެ ޚިދުމަތް އޭރު ލިބެނީ ހުޅުމާލެ 1، ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެއާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫއިންނެވެ. އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އޭރު ލިބެނީ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގެ އިތުރުން ހަމައެކަނި ހދ. ކުޅުދުއްފުށިންނެވެ.
އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ސަރުކާރުން މިހާރު ވަނީ 27 ރަށުގައި ރަށުގައި ފަށައިފައެވެ. އަދި، ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް ޕްލޭންކޮށްފައިވާ ގޮތަށް އަތޮޅުތަކުގައި އަންނަނީ ފަށަމުންނެވެ.