ENGLISH

31 ޖުލައި 2025

Advertisement

އަގުތައް އުފުލުމުގެ ފަހަތުގައި މޫސުމާއި ސްޓޮކް ނުލިބުން؛ ހައްލު ހޯދަން އެސްޓީއޯ ތައްޔާރަށް

30 ޖުލައި 2025

|

އުމްނާ އިސްމާޢީލް

މޫސުން ގޯސްވުމުގެ ސަބަބުން ސްޓޮކް ނުލިބި ލަސްވެެ، ތަކެތީގެ އަގު ދަނީ އުފުލެމުން ނެވެ. އެހެން ނަމަވެސް އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އޮތީ ތައްޔާރަށެވެ.

މިވަގުތު ބާޒާރުމަތީގައި ހުރި ތަކެތީގެ އަދަދު މަދުވުމުގެ ސަބަބުން އަގުތައް ވަނީ އުފުލިފަ އެވެ. މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ރަށްރަށުން އަންނަ ދޯނިތަކަށް މިހާހިސާބަށް ނާދެވުމުގެ ސަބަބުން ބައެއް ތަކެތި ބާޒާރުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި ބޭރުން ލިބެންޖެހޭ ސްޓޮކް ނުލިބި ލަސްވުމުގެ ސަބަބުން ވެސް ބައެއް ތަކެތި ވަނީ ބާޒާރުގައި މަދުވެފަ އެވެ.

މިސާލަކަށް ބަލާލާނަމަ، ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ލުނބޯ، ފިޔާ އަދި މިރުސް ބާޒާރުން ވަރަށް ބޮޑަށް މަދުވެ އަގު އިންތިހާއަށް އުފުލިފައިވާއިރު އެތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް އެސްޓީއޯ އިން ދަނީ ކުރަމުން ނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިވަގުތު މާލޭގެ ބަނދަރުގައި ހުރި ބައެއް ބޯޓުތަކުން ވެސް ސްޓޮކް ބޭލުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ. 

އެސްޓީއޯގެ ރޯލަކީ ވިޔަފާރިވެރިންނަށް ދަތިވާ ދުވަސްކޮޅެއްގަ، މާކެޓަށް އަންނަ ބަދަލުތަކާއެކު ބައެއްފަހަރު އަގު ކުޑަކުރަން އެހީވުމާ ތަކެތި މަދުވާފަހަރުތަކުގައި، މުދާ ބާޒަރަށް ވާސިލުވުމުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރުމެވެ. އެހެންވެ، އެ ކުންފުނިން މިހާރު ވެސް ދަނީ އަގު އުފުލޭ މުދާ ގެނެސް ބާޒާރަށް ނެރެ އަގު ބޮޑުވިޔަނުދިނުމަށް މަސައްކަތްކުރަމުންނެވެ.

"އެމްއެމްޓީވީ"އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ސްޓޮކް އައުމުގައި ލަސްތަކެއް މެދުވެރިވުމާއި، ބަނދަރުގައި ހުރި ސްޓޮކް ބާޒާރަށް ނެރުމުގައި ދަތިތަކެއް އެބައުޅެއެވެ. ނަމަވެސް އެމްޕީއެލްއިން މުދާ ބޭރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ބަނދަރުގައި ހުރި މުދާ މަޑުމަޑުން ނެރެވެމުންދާކަން އެ ވިޔަފާރިވެރިން ފާހަގަކުރިއެވެ. 

އެމްޕީއެލްއިން މިއަދު ބުނެފައިވަނީ އިއްޔެ މޫސުން ގޯސްވުމުގެ ސަބަބުން މުދާ ބޭލުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް މުވައްޒަފުން ވަރަށް ހިތްވަރާއެކު އިއްޔެއާއި ރޭ މަސައްކަތްކޮށް 5،000 ބަސްތާއާ ގާތްކުރާ މިންވަރަކަށް ފިޔައި ބޯޓުތަކުން ބޭލި ކަމަށެވެ. މޫސުން ގޯސް ނަމަވެސް މިއަދުވެސް އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުންނެއް ނޫނެވެ. މިއީ މޫސުން ގޯސްވުމާއި ބޭރުން މުދާ ލިބުމުގައި ދިމާވި ތާށިކަން އެއް ވަގުތަކާ ކުރިމަތިވެގެން ނުކުމެގެން އުޅޭ މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރުމަށް މުދަލުގެ ސްޓޮކް ބާޒާރަށް ނެރުމަށް އެސްޓީއޯ އޮތީ ތައްޔާރަށެވެ. ވެހެމުންދާ ވާރެއާއި ކަނޑުގެ މުލައްމާ ރާޅުތަކުގެ ތެރެއިން ބޯޓު ފަހަރުގައި ހުރި މުދަ ބަނދަރަށް ބާލައި ބާޒާރަށް ނެރުމުގެ މަސައްކަތުގައި އެމްޕީއެލްއާއި ކުންފުނީގެ މުވައްޒަފުން އެތިބީ ގަދަ ހިތްވަރާއެކުއެވެ. 

ކިޔުންތެރިންގެ ހިޔާލު