ENGLISH

05 ނޮވެމްބަރު 2025

Advertisement

ބ.އަތޮޅުގެ އާރްޓީއެލް ފެރީ އަގުތައް އިއުލާނުކޮށްފި، ރައްޔިތުންނަށް ބޮޑު ފަސޭހައެއް

31 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ބ.އަތޮޅުގައި އާރްޓީއެލް ދަތުރެއްގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ.އަތޮޅުގައި މިހާރު ފަށާފައިވާ ފެރީ ހިދުމަތުގެ އަގުތައް މިއަދު އިއުލާނުކޮށްފިއެވެ. 

މި އަހަރުގެ ޖޫން މަހު ރ.އަތޮޅުގައި އަދި ޖުލައި ބަހު ބ.އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށްޓެވުމަކީ މި އަހަރު ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރައްވާފައިވާ ދެ ކަމެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ވިދާޅުވި މުހުލަތުގައި އެ ދެ އަތޮޅުގައިވެސް އާރްޓީއެލް ހިދުމަތްވަނީ ފަށާފައެވެ. 

މިއަދު ދަަތުރުފަތުރާއި ވައިގެ އުދުހުމާ ބެހޭ ވުޒާރާއިން ސަރުކާރުގެ ގެެޒެޓުގައި ޝާއިއުކުރި ލިސްޓުގައި ބ.އަތޮޅުގައި އާރްޓީއެލްއިން ކުރާ ހުރިހާ ދަތުރުތަކެއްގެ އަގުތައް ހިމަނާފައިވެއެވެ. އެގޮތުން ދެކޮޅު ޓިކެޓު އެއްކޮށް ނަގާނަމަ އެންމެ ދިގު ދަތުރުތަކަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ދައްކަންޖެހެނީ 225 ރުފިޔާއެވެ. އެއްވެސް ދަތުރެއްގެ ދެކޮޅު ޓިކެޓު އެއްކޮށް ނަގާނަމަ 225 ރުފިޔާއަށްވުރެ އަގު ބޮޑެއް ނޫނެވެ. 

އޭގެ އިތުރަށް ވަކިން އެއްކޮޅު ޓިކެޓު ނަގާނަމަ އެންމެ އަގު ބޮޑު ދަތުރުގެ ޓިކެޓަށް އަރާނީ 125 ރުފިޔާއެވެ. އެންމެ އަގުހެޔޮ ދަތުރުގެ ޓިކެޓު 35 ރުފިޔާއަށް ލިބެއެވެ. 

ބ.އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ކުރިން 150 ރުފިޔާއިން ފެށިގެން 500 ރުފިޔާ ހަރަދުވެއެވެ. އަދި ކުއްލި ހާލަތުގައި ލޯންޗެއް ކުއްޔަށް ހިފައިގެން ދަތުރުކުރަންޖެހޭ ހާލަތުގައި ރައްޔިތުންގެ އަތުން ހާހުން ހަރަދުވެއެވެ. އެހެންކަމުން އާރްޓީއެލް ފެރީ ހިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ. 

އާރްޓީއެލް ހިދުމަތް ބ.އަތޮޅަށް ތައާރަފުކުރުމާއެކު، ހިދުމަތަށް ރައްޔިތުން ހޭނުމުގެ ގޮތުން އަންނަ އޯގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަަށް ހިލޭ ފެރީގައި ދަތުރުކުރެވޭނެއެވެ. އޯގަސްޓު ހަތަރަކުން ފެށިގެން ޓިކެޓު ނަގައިގެން ދަތުރުކުރަންޖެހޭއިރު އާރްޓީއެލް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ޓިކެޓު ނެގޭނެއެވެ. 

ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ހިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. ބ.އަތޮޅުގައި ހިދުމަތް ފެށުމާއެކު މިހާރު 11 އަތޮޅެއްގައި އާރްޓީއެލް ފެރީ ހިދުމަތް ލިބޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު