ENGLISH

31 ޖުލައި 2025

Advertisement

ފަސް މިލިއަން ގަސް ޕްރޮގުރާމު؛ ޑިސަނަޔަކެ އިންދެވީ މޫނިމާ ގަހެއް

30 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ފަސް މިލިއަން ގަސް ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ރައީސް ޑިސަނަޔަކެ ގަސް އިންދެވުމުގެ ތެރެއިން، ފޮޓޯ: ސްކްރީން ގްރެބް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މޫނިމާ ގަހެއް އިންދަވައިފިއެވެ. 

މިއަދު ހަވީރު ލޮނުޒިޔާރަތްޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑިސަނަޔަކެގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ޕާކަށް ރައީސާއި ޑިސަނަޔަކެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. 

ރައީސް ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އޭނާވަނީ ރައީސް ޑރ.މުއިއްޒާ ބައްދަލުކުރައްވައި ރާއްޖެއާއި ލަންކާގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. 

2024 ވަނަ އަހަރުގެ ކޮޕް ސަމިޓުގައި ރައީސް އިއުލާނުކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ލަންްކާ ސަރުކާރުންވަނީ ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން އެ ގައުމުންވަނީ އެ ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި އިންދުމަށް ހައިވަކަރު ގަސްތަކެއް ހަދިޔާކޮށްފައެވެ. 

ރާއްޖޭގެ ރިސޯޓުތަކަށް އެގަސްތައް ބެހުމުގެ މަސައްކަތް މިދިޔަ ޖޫން މަހު ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔައެވެ. ރިސޯޓުތަކުގެ އިތުރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށްވެސް ކުރިއަށް އޮތް ތަނުގައި މި ގަސްތައް ފޯރުކޮށްދޭނެއެވެ. 

އެ ވުޒާރާއިން ހާމަކުރި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ މަލަމަތިން ހާއްސް ލޭންޑްމާކެއްގެ ގޮތުގައި ހައިވަކަރު ގަސް ފެންނާނެހެން އެ ގަސްތައް އިންދުމެވެ. 

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށީގެ މާހިރުން ގަބޫލްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު