ENGLISH
10 ސެޕްޓެމްބަރު 2025
ޕިކްޔޯޓްރޭލްގެ ފަތުރުވެރީންގެ ބޮޑު ޓީމަށް ވީއައިއޭން ހޫނު މަރުޙަބާއެއް
30 ޖުލައި 2025
|
ޕިކްޔޯޓްރޭލްގެ ފަތުރުވެރީންގެ ބޮޑު ޓީމަށް ވީއައިއޭން ހޫނު މަރުޙަބާއެއް ކިޔުން --
އިންޑިއާގެ މަޝްހޫރު ޓްރެވަލް ޕްލެޓްފޯމް ޕިކްޔޯޓްރޭލްއިން އިންތިޒާމްކޮށްގެން ގެނައި އިންޑިއާގެ 1،000 އިންސެންޓިވް ފަތުރުވެރިންގެ ގްރޫޕަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ދަތުރުގެ ސަބަބުން ރާއްޖޭގެ އެންމެ މުހިންމު އެއް ސޯސް މާކެޓުކަމަށްވާ އިންޑިއާގެ ކޯޕަރޭޓް އަދި ގްރޫޕް ދަތުރުފަތުރަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް މަޤުބޫލު ވެެގެންދާނެ ކަމަށެވެ.
މޮޅެތި ފަންނާނުންނާއި މުވައްޒަފުން ހިމެނޭ މި ގްރޫޕް ރާއްޖޭގައި ތިބީ މި މަހުގެ 10 އިން 21 އަށް ސަން ސިޔާމް އޮޅުވެލީގަ އެވެ. މި ގްރޫޕަށް މަރުހަބާ ކިޔުމުގެ ގޮތުން ބޮޑުބެރު ޕާފޯމަންސަކާއި ކިއުރޭޓެޑް ވެލްކަމް ހަދިޔާ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޓީމުން ތަހުނިޔާ ވަނީ ކިޔާފައެވެ. ފުރަތަމަ ވީއައިޕީން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް އައިސްފައިވެ އެވެ.
މި ބޮޑު އިންސެންޓިވް ދަތުރުގެ ސަބަބުން، ހައި ޕްރޮފައިލް މައިސް ދަތުރުތައް ބޭއްވުމުގެ ޤާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން އިތުރަށް ފާހަގަކޮށް، ޕްރިމިއަމް ތަޖުރިބާތައް ހޯދަން ބޭނުންވާ އިންޑިޔާގެ ކޯޕަރޭޓް ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމުކަން ފާހަގަ ކުރެވިގެންދެ އެވެ.
ޕިކްޔޯޓްރެއިލް އަކީ ދަތުރުތައް ރޭވުމުގައި އީޖާދީ ޓެކްނޮލޮޖީއަށް ބުރަވެފައިވާ ގޮތްތަކެއް ބޭނުންކުރާ އިންޑިއާގެ މާކެޓުގައި ވަރަށް ގިނަ ބަޔަކު ދަންނަ މަޝްޙޫރު ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖެއަށް މިހާ ބޮޑު ވަފުދެއް ގެނައުމަށް ނިންމި ނިންމުމުން ދައްކުވައިދެނީ، ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އިތުބާރާއި ޝައުޤުވެރިކަމެވެ. މީގެ އިތުރުން، މި ދަތުރަކީ، ރާއްޖޭގެ މަޝްހޫރުކަން އިންޑިއާގައި އިތުރުކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ކުރިއަށްގެންދާ ސްޓްރެޓީޖިކް މާކެޓިންގ ކެމްޕެއިންތަކަށް ވެސް އެހީތެރިވެދޭ ހަރަކާތެއް ކަމަށް ވިޒިޓް މ,ލްޑިވްސް އިން ބުނެ އެވެ.
އިންޑިއާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އަދި ހުރިހާ ބާވަތެއްގެ ދަތުރުފަތުރަކަށް ވެސް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ދެމެހެށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ދަނީ އިންޑިއާގެ ދަތުރުފަތުރުގެ ދާއިރާގެ ފަރާތްތަކާ ގުޅުން ބަދަހި ކުރަމުންނެވެ.