ENGLISH
10 ސެޕްޓެމްބަރު 2025
އެއްބަސްވުމާ ހިލާފުވުމުން އެއްފަހަަރާ 3.6 މިލިއަން އެމްޑީޕީން މޯލްޑިވިއަނަަށް ދޭން ހުކުމްކޮށްފި
30 ޖުލައި 2025
|
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އަދި އެ ޕާޓީގެ އެޑްވައިޒަރު ރައީސް ސޯލިހު
ފާއިތުވި ރިޔާސީ އިންތިހާބުގައި ކެމްޕެއިނަށް އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެއްކުމަށް ހެދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަައި ހަލާސްކުރުމަށް އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި މޯލްޑިވިއަންއިން އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރީ ފާއިތުވި އަހަރުއެވެ. އެ ދައުވާއާ ގުޅިގެން އެ ޕާޓީއާއި މޯލްޑިވިއަންގެ މެދުގައި ސެޓްލްމެންޓު އެގްރީމެންޓެއް ހަދައި، އެމްޑީޕީން ދައްކަންޖެހޭ ފައިސާ ބަހާލައިގެން ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް އެއްބަސްވިއެވެ.
ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އެމްޑީޕީން ނުދައްކާތީ އެއްބަސްވުން ބާތިލުކުރުމަށް އައިލެންޑް އޭވިއޭޝަނުން ކޯޓަށް ހުށަހެޅިއެވެ. އަދި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ހުރިހާ ފައިސއެއް އެއްފަހަރާ ހޯދަން އެ ކުންފުނިން ދައުވާކުރިއެވެ.
ސިވިލް ކޯޓުގައި އައިލެންޑް އޭވިއޭޝަނުން ހުށަހެޅި މައްސަލައާމެދު ގޮތެއް ނިންމައި އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ޕާޓީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކާފައިވަނީ ދެ މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ ދައްކަންޖެހޭ އަދަދަކީ 3.6 މިލިއަން ރުފިޔާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އެމްޑީޕީއަށް މި ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބިގެންނެވެ. އަދި ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށް އެ ޕާޓީން އެދިފައިވެއެވެ.
ނަމަވެސް އެމްޑީޕީއަށް ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށް އައިލެންޑް އޭވިއޭޝަނުންވަނީ ދެކޮޅުހަދައިފައެވެ. އެހެންކަަމުން ކޯޓުން ހުކުމްކޮށްފައިވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.