ENGLISH
10 ސެޕްޓެމްބަރު 2025
ޓެކްނިކަލް މައްސަލަަ ހައްލުކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް އަލުން ފަށައިފި
30 ޖުލައި 2025
|
ޓްރާންސްޕޯޓު މިނިސްޓްރީން ދިމާވި މައްސަލަ ހައްލުކޮށް އަނބުރާ ހިދުމަތް ދޭން ފަށައިފި
ޓްރާންސްޕޯޓު މިނިސްޓްރީގެ ސާވާއަށް އިއްޔެ ކުރިމަތިވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، މިއަދުން ފެށިގެން މިނިސްޓްރީގެ ހުރިހާ ހިދުމަތްތަކެއް އަލުން ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުުގައި ސާވާ މައްސަލަ ކުރިމަތިވީ އެ މިނިސްޓްރީ މިހާރު ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގެ ސާވާތަކަށެވެ. އެ ސާވާތަކަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރަށް އެ ބިލްޑިންގައި ހިންގާ އެހެން މިނިސްޓްރީތަކުންވެސް ބޭނުންކުރާ ސާވާތަކެވެ.
މައްސަލަ ކުރިމަތިވީ އެ އިމާރާތުގެ އޭސީތައް މާބޮޑަށް ހޫނުވުމުގެ ސަބަބުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާ، ސާވާއަށް ކުރިމަތިވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ފެށިއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ރޭ ދަންވަރު ސާވާއަށް ދިމާވި މައްސަލަ ހައްލުކުރެވުނެވެ. އަދި މިއަދު ހެނދުނުން ފަށައިގެން ހުރިހާ ހިދުމަތެއް އަލުން ދޭން ފަށާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓަކީ އެއްގަމު ދަތުރުފަތުރާއި ކަނޑުދަތުރުފަތުރާއި ވައިގެ އުދުހުންތަކާ ގުޅޭ މުހިއްމު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވުޒާރާއެކެވެ. އެގޮތުން އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ލައިސެންސް ދޫކުރުމާއި، އުޅަނދުފަހަރުގެ ޒޯން ބަދަލުކުރުން ފަދަ ހިދުމަތްތައް ދެނީ އެ މިނިސްޓްރީންނެވެ.