ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކަނޑުތައް ވަރަށް ގަދަ، ރޭގަނޑު ދަތުރުނުކުރަން އިލްތިމާސް ކޮށްފި

29 ޖުލައި 2025

|

އަޙުމަދު ޙަމީދު

މޫސުން ގޯސް ދުވަހެއް --

ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސް ކޮށްފި އެވެ.

ކޯސްޓްގާޑުން ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް،  މޫސުން ގޯސްވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވެސް އެދިފައިވެ އެވެ. މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު