ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޞާބިރު އަވަހާރަވުން: ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

29 ޖުލައި 2025

|

އަޙުމަދު ޙަމީދު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު --

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

އަލްމަރްޙޫމް ޙަސަން ޞާބިރު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގައި ކަމަށްވާތީ، ދަފްތަރު ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގަ އެވެ. ދަފްތަރު ހުޅުވިފައި އޮންނާނީ، މި ޖުލައި މަހުގެ 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ، އިއްޔެ އެވެ.

އަލްމަރްޙޫމް ޙަސަން ޞާބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި އެ މަނިކުފާނު ފާހަގަވެގެންދަނީ ދިވެހި ޤައުމުގެ އިޤްތިޞާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ރާއްޖޭގެ ޚާރިޖީ ދާއިރާގައި، ރާއްޖެއާއި އެކި ޤައުމުތަކާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު