ENGLISH
10 ސެޕްޓެމްބަރު 2025
ސްކޮލާޝިޕުތަކުގައި ކިޔަވަނީ 607 ދަރިވަރުން؛ ނިމުނު އަހަރާއެކު މިހާތަނަށް 344 މިލިއަން ރުފިޔާ ދޫކޮށްފި
29 ޖުލައި 2025
|
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން، ފޮޓޯ: ދަރިވަރު
ސްކޮލާޝިޕުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު 607 އަށް އަރާފައިވާއިރު ނިމުނު އަހރާއި މި އަހަރާއެކު އެ ދަރިވަރުންނަށް 344.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސްކޮލާޝިޕްތަކުގައި 20 ގައުމެއްގައި 607 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެ ދަރިވަރުންގެ ތެރެއިން 387 ދަރިވަރުންނަކީ އަންހެން ކުދިންނެވެ. އަދި 220 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.
ނިމުނު އަހަރު 268 ދަރިވަރުން ސްކޮލާޝިޕުތަކުގައި ކިިޔަވަން ފެށިއިރު، 357 ދަރިވަރުން ސްކޮލާޝިޕް ސްކީމުތަކުގެ ދަށުން ކިޔަވައި ނިންމައި ދަސްވެނިވިއެވެ. މި އަހަރުގެ މިހާތަނަށް 45 ދަރިވަރަކު ސްކޮލާޝިޕްތަކުގައި ކިޔަވަން ފެށިއެވެ. އަދި 48 ދަރިވަރަކުވަނީ ސްކޮލާޝިޕްތަކުގެ ދަށުން ކިޔަވައި ނިންމާފައެވެ.
ސްކޮލާޝިޕްތަކުގައި ނިމުނު އަހަރާއި މި އަހަރު ކިޔަވަން ފެށީ ގިނައިން އަންހެން ދަރިވަރުންނެވެ. އެގޮތުން ނިމުނު އަހަރު 178 އަންހެން ދަރިވަރުން ކިޔަވަން ފެށިއިރު 90 ފިރިހެން ދަރިވަރުން ސްކޮލާޝިޕް ސްކީމުތަކުގެ ދަށުން ކިޔަވަން ފެށިއެވެ. މި އަހަރު 34 އަންހެން ދަރިވަރުން ސްކޮލާޝިޕް ސްކީމުތަކުގައި ކިޔަވަން ފެށިއެވެ. އަދި 11 ފިރިހެން ދަރިވަރުން ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވިއެވެ.
ނިމުނު އަހަރު 93 ސްކޮލާޝިޕް ސްކީމެއްގެ ދަށުން 1،177 ޖާގަ ކިޔެވުމަށް ލިބުނެވެ. މި އަހަަރުގެ މިހާތަނަށް 36 ސްކޮލާޝިޕް ސްކީމުގެ ދަށުން 259 ޖާގަ ލިބިފައިވެއެވެ. މިހާރު ރާއްޖެ ހިމެނޭ ގޮތަށް ސްކޮލާޝިޕުތަކުގެ ދަށުން ރާއްޖެ ހިމެނޭ ގޮތަށް 20 ގައުމެއްގައި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
މި ދަރިވަރުންނަށް ނިމުނު އަހަރާއެކު 344،220،070 (ތިންސަތޭކަ ސާޅީސްހަތަރު މިލިއަން ދެލައްކަ ވިހިހާސް ހަތްދިހަ) ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރެއިން 95،303،176 (ނުވަދިހަަ ފަސް މިލިއަން ތިންލައްކަ ތިންހާސް ސަތޭކަހަ ހަތްދިހަ ހަ) ރުފިޔާއަކީ މި އަހަރު ދަރިވަރުންނަށް ދޫކުރި ފައިސާއެވެ.