ENGLISH
10 ސެޕްޓެމްބަރު 2025
ނިޝާން އިއްޒުއްދީން އިއްޒަތުގެ ޝަރަފު ލިބިވަޑައިގަތުމުން ގާސިމަށް މައުމޫން މަރުހަބާ ވިދާޅުވެއްޖެ
29 ޖުލައި 2025
|
ރައީސް މައުމޫން އަދި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ގާސިމް އިބްރާހީމް
ނިޝާން އިއްޒުއްދީން އިއްޒަތުގެ ޝަރަފު ލިބިވަޑައިގަތުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ޖުލައި 27، 2025 ވަނަ ދުވަހު ބެއްވި ރަސްމީ ޖަލްސާގައި ގާސިމަށް ނިޝާން އިއްޒުއްދީން އިއްޒަަތުގެ ވެރިޔާގެ ޝަރަފު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ގާސިމަށް އެ ޝަރަފު އެރުވުމަށް ނިންމެވި ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނަށާއި، އިޖުތިމާއީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ގާސިމް ކުރައްވާފައިވަނީ އަގުހުރި ހިދުމަތްތަކެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް މައުމޫންވަނީ އޭނާއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފު ލިބިވަޑައިގަތުމުން ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ގާސިމް މާޒީގައި ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވަމުންގެންދަވާ ހިދުމަތްތައް ބަލައިގަނެވިފައިވާކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ޑޮމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުންދާ މަސައްކަަތްޕުޅާއި، ނިޝާން މުލީ އިއްޒަތުގެ ލަގަބު އެރުވި ފަހުންވެސް އެ ދާއިރާތަކުން ގާސިމް ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކުރައްވަައި، އޭނާއަށް ނިޝާން އިއްޒަތުގެ ލަގަބު އެރުވުމަށް ނިންމަވާފައިވާ ކަމަށެވެ.
ގާސިމުގެ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން ކުރެއްވި ހިދުމަތް ފާހަގަކުރެވެއެވެ. އެގޮތުން އަމިއްލަފުޅަށް ޝިޕިން ހިދުމަތް ފައްޓަވައި، އޭގެ ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެން ރިސޯޓުތައް ތަރައްގީކުރައްވާފައިވެއެވެ.
އަދި އެއާއެކު ޓީއެމްއޭ އުފެއްދެވުމުގައި އޭނާ އިސްދައުރެއް އަދާކުރެއްވިއެވެ. އޭގެ ފަހުން އަމިއްލަފުޅު އެއާލައިނެއް ފައްޓަވައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިންވެސް ގިނަ ހިދުމަތްތަކެއް ގާސިމު ކުރައްވާފައިވެއެވެ.
އިޖުތިމާއީ ހިދުމަތަށް ބަލާއިރު ބަލިމީހުންނަށް ބޭސްފަރުވާކުރުމުގައި އެހީތެރިކަން ދެއްވުމާއި، މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދެއްވުމާއި، މަތީ ސާނަވީ ތައުލީމަށް ހާއްސަ ސްކޫލެއް ހިންގެވުން ފަދަ އެތއް މަސައްކަތެއް އޭނާ ކުރެއްވިއެވެ.
އަދި ރައީސް އަލްއުސްތާޛު މައުމޫނުގެ ވެރިކަމުގައި މާލީ ވަޒީރުކަމުގައި ހުންނަވައި، ސުނާމީގައި ކުރިމަތިވި ކާރިސާއިން ރާއްޖެ ސަލާމަތްކުރެއްވުމުގައި ކުރެއްވި މަސައްކަތްޕުޅާއި، މާލީ ގޮތުން ދައުލަތަށް ފައިސާ ހޯދުމަށް ބޭނުންކުރާނެ އިންސްޓްރޫމެންޓުތަކުގެ ގޮތުގައި ބޮންޑާއި ޓީބިލު ތައާރަފުކުރެއްވުމަކީ ގާސިމުގެ ހިދުމަތުގެ ތެރޭގައި ގުނައިލެވޭ ކަންކަމެވެ.
އައު ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަންވެސް ކުރައްވާފައިވާ ގާސިމަކީ އޭނާގެ މާލީ ވަޒީރުކަމުގައި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އެއްހަމައަކުން ރޯދަ އިނާޔަތް ދެއްވަން ފެއްޓެވި ބޭފުޅާއެވެ.
މީގެ ކުރިން ގާސިމަށް އާއްމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި، ޝަރަފުގެ އިނާމާއި ނިޝާން މުލީ އިއްޒަތުގެ ޝަރަފުވެސް ލިބިވަޑައިގެންފައިވެއެވެ. ތަފާތު އެކި ސަރުކާރުތަކުން ގާސިމު ކުރައްވާފަައިވާ ހިދުމަތުގެ އަގުވަޒަންކޮށް އެކި ޝަރަފުތައް ދީފައިވެއެވެ.