ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކިޑްނީގެ ބަލި މީހުންނަށް ރައީސް ޑރ.މުޢިއްޒު ދެއްވަނީ ޚާއްސަ ސަމާލުކަމެއް!

29 ޖުލައި 2025

|

ޒައިނީދަޙުލާން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުމާލޭ ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ އެއްކަމަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޮއްސުންލާފައި އޮތް އާސަންދަ ނިޒަމު އިސްލާޙުކުރައްވައި، އިސްރާފު ކުޑަކުރައްވައި ޚިދުމަތް ހަރުދަނާކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަތަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފައްތަވައި ސީ އެމްބިއުލާންސާއި އެއްގަމު އެމްބިއުލާންސްގެ ނިޒާމުވެސް ހަރުދަނާކުރެއްވިއެވެ. ސަރުކާރުގެ މުހިންމު މައި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރެއްވިއެވެ. ބޭހާއި ސިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރެއިން ނާޖާއިޒުގޮތުގައި ހިންގަމުންދިޔަ ކަންކަން ހުއްޓުވައި ރައްޔިތުންނަށް އެންމެ ފައިސާހުރިގޮތަށް ނިޒާމު އިސްލާޙުކުރެއްވިއެވެ.

މިފަދަ އެތައް މަސައްކަތެއްގެ ތެރެއިން މުހިންމު އެއްކަމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމުގެ ނިޒަމު ހަރުދަނާކުރެއްވުމެވެ. އެގޮތުން ރާއްޖޭގައި ކިޑްނީގެ ބަލިތަކަށް ފަރުވާދޭ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވިއެވެ.

ރާއްޖޭގައި ކިޑްނީގެ ބަލިތައް ޖެހޭ މީހުންގެ ނިސްބަތް އޮތީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ރާއްޖޭގައި ކިޑްނީ ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައި މިބަލީގެ ނިސްބަތް މިހާރު ވަރަށްބޮޑެވެ. ޑައިލަސިސް ހަދަން ޖެހޭ އުމުރުފުރާ ވަނީ ކުރިއަށ އަޅާބަލާއިރު ހަގު ވެފައިއެވެ. ކިޑިނީގެ ބަލިތައް ތަހައްމަލުކުރާ ޑައިލަސިސް ހަދަންޖެހޭ އުމުރުން 15 އަހަރުން ފެށިގެން 40 އަހަރާ ދެމެދުގެ މީހުން މިހާރު ވަރަށްގިނަކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ރާއްޖޭގައި ޑައިލަސިސްގެ ޚިދުމަތް ދޭން ފެށީ 2002 ވަނަ އަހަރުއެވެ. އައިޖީއެމްއެޗްގައި ޑައިލަސިސް ހެދުމަށް 20 އެނދު ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް ބަލި މީހުން އިތުރުވުމުގެ ސަބަބުން ފަރުވާ ދިނުމަށް އޮތީ ދަތިތަކެއް ކުރިމަތިވެފައެވެ. މިކަން ޙައްލުކުރެއްވުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން އައިޖީއެމްއެޗުގެ އިތުރުން ޑައިލަސިސްގެ ޚިދުމަތް ދެވޭ 13 ތަނެއްގެ ޚިދުމަތް ހަރުދަނާކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

މީގެ އިތުރުން ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި 30 އެނދުގެ ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ 2025، ޖުލައި 27ވަނަ ދުވަހު ހުޅުއްވައިދެއްވާފައެެވެ. ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމަށްޓަކައި އަމިއްލަ 2 ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކިޑްނީ ބަލީގެ ވޭން ތަޙައްމަލުކުރަމުންދާ މީހުންނަށް ލުއިފަސޭހަކަމާއެކު ފުރިހަމަ ފަރުވާއާ ހަމައަށް ވާސިލްވެވޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ވަރަށް މުހިންމު އަމާޒެކެވެ. އެގޮތުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތް ޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އާސަންދަ މެދުވެރިކޮށް ޔޫއޭއީން ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. މިއަހަރުގެ ޖެނުއަރީމަހުގެ 15ވަނަ ދުވަހުންފެށިގެން ދިވެހިންނަށް މި ފުރުސަރު ވަނީ ފަހިވެފައެވެ.

މިގޮތުން ޔޫއޭއީގެ ހޮސްޕިޓަލުތަކާއި ގުޅިގެން ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ މަގުފަހިކޮށްދީފައިވާއިރު، ދިގު މުއްދަތަކަށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް، ފަރުވާގެ އިތުރު ފުރުސަތެއް ތައިލެންޑުންވެސް ވަނީ ހަމަޖައްސަވާދެއްވާފައެވެ.

އާސަންދައިގެ އިތުރުން ދައުލަތުގެ އެހެނިހެން ނިޒާމުތަކުގެ ތެރެއިންވެސް ބަލި މީހުންނަށް އެހީތެރިވުމުގެ ކަންކަން ހަރުދަނާކުރެއްވުމަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 200އެއްހައި މީހުންނަށް އެހީ ދީފައިވެއެވެ. އޭގެތެރެއިން އެންމެ ގިނަޢަދަދެއްގެ ފައިސާ ދޫކޮށްފައިވާ އެއް ބަޔަކީ ކިޑްނީގެ ބަލި މީހުންނެވެ.

ސަރުކާރުގެ އަމާޒަކީ ކިޑްނީ ބަލިފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުންނަށް މީހުންނަށް މިހާރަށްވުރެވެސް ލުއިފަސޭހަމާއެކު ފުރިހަމަ ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު