ENGLISH
10 ސެޕްޓެމްބަރު 2025
ފަތުރުވެރިކަމުގެ އޮފް ސީޒަނުގެ މިހާތަނަށް އައި ފަތުރުވެރިން %13.1 އިތުރުވެއްޖެ
29 ޖުލައި 2025
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް، ފޮޓޯ: އަވަސް
ކޮންމެ އަހަރެއްގެ މޭ މަހުން ފެށިގެން ނޮވެންބަރު މަހާ ހަމައަށް ގުނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަނެވެ. އެ މަސްތަކަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އެ ސިނާއަތުން ލިބޭ އާމްދަނީވެސް ދަށްވާ ދުވަސްވަރެކެވެ. ނަމަަވެސް ފާއިތުވި ދެ އަހަރާ އަޅާބަލާއިރު މި އަހަރުގެ އޮފް ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އޮފް ސީޒަނުގެ ފުރަތަމަ މަސް ކަމަށްވާ މޭ މަހުގައި 135،614 ފަތުރުވެރިން އައެވެ. އެއީ ރާއްޖެއަށް ނިމުނު އަހަރުގެ މޭ މަހުގައި އައި 119،875 ފަތުރުވެރިންނަަށްވުރެ 13 އިންސައްތަ އިތުރު އަދަދެކެވެ.
ޖެހިގެންއައި ޖޫން މަހަށް ބަލާއިރު ފާއިތުވި އަހަަރުގެ ޖޫން މަހުގައި އައީ 123،284 ފަތުރުވެރިންނެވެ. މި އަހަރުގެ ޖޫން މަހުގައި 141،772 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ އަހަރުން އަހަރަށް 15 އިންސައްތައިގެ ކުރިއެރުމެކެވެ.
ހިނގަމުންދާ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 168،112 ފަތުރުވެރިންނެވެ. ފާއިތުވި އަހަަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 150،405 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަަރުގެ ޖުލައި މަހު ރާއްޖެއަށް އައި ފަތުރުވެރިން 11.7 އިންސައްތަ އިތުރުވެފައިވެއެވެ.
ޖުމްލަކޮށް ބަލާއިރު މި އަހަރުގެ މޭ މަހުން ފެށިގެން ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 445،498 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 393،565 ފަތުރުވެރިންނެވެ. އެހެންކަމުން މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13.1 އިންސައްތަ އިތުރުވެފައިވެއެވެ.
ޖޫން މަހު ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް 4،726 ފަތުރުވެރިން އައިއިރު ޖުލައި މަހު އެވެރެޖުކޮށް ދުވާލަކު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 6،004 މީހުންނަށް އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މުޅި މި އަހަރަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 1،276،242 (އެއް މިލިއަން ދެލައްކަ ހަތްދިހަހާސް ދުއިސައްތަ ސާޅީސްދެ) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،165،934 (އެއްމިލިއަން އެއްލައްކަ ފަސްދޮޅަސްފަސްހާސް ނުވަސަތޭކަ ތިރީސްހަތަރު) ފަތުރުވެރިންނަށްވުރެ 9.5 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ 73.1 އިންސައްތަކަމަަށްވާ 932،504 ފަަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓުތަކަށެވެ. 22.1 އިންސައްތަ ފަތުރުވެރިންކަމަށްވާ 281،669 މީހުން ޒިޔާރަތްކުރީ ރާއްޖޭގެ ގެސްޓުހައުސްތަކަށެވެ. ހޮޓާތަކަށް އައި 34،306 މީހުންނެވެ. ސަފާރީ އުޅަނދުފަހަރަށް ޒިޔާރަތްކުރީ 26،869 މީހުންނެވެ.
މި މުއްދަަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން 184،661 ފަތުރުވެރިންް އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެ ގައުމުން އައި ރަޝިޔާއިން 150،607 މީހުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އެ ގައުމަކުން އައި އިނގިރޭސިވިލާތުން އައިސްފައިވަނީ 119،958 ފަތުރުވެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)އިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަައި އެއް މަސައްކަތަކީ އޮފް ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.
އެގޮތުން އޮފް ސީޒަނުގައި ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑް ޝޯތަކާއި އިތުރު ހަރަކާތްތައް އެމްއެމްޕީއާރްސީއާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ގުޅިގެން ބާއްވާފައިވެއެވެ.