ENGLISH
10 ސެޕްޓެމްބަރު 2025
މާވަށުގައި މަރައިލި ޒުވާނާގެ ހަށިގަަނޑު މާލެއަށް؛ އިތުރު ތަހުލީލުތަކެއް ހަދަނީ
29 ޖުލައި 2025
|
ލ.މާވަށް
ލ.މާވަށުގައި އިއްޔެ ހިނގި މާރާމާރީއެއްގައި މަރައިލި ޒުވާނާގެ ހަށިގަނޑު މާލެއަށް ގެނައީ އިތުރު ތަހުލީލުތަކެއް ހެދުމަށް ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އިއްޔެ ހެނދުނު މާވަށު ވޮލީބޯޅަ ކޯޓު ކައިރީ ހުއްޓައި ފަހަތުން ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
ރޭގެ ވަގުތެއްގައ މޫސާގެ ހަށިގަނޑު މާވަށުން ފޮނަދުއަށް ފޮނުވުމަށްފަހު، ފޮނަދުއިން މާލެއަށް ގެނެސްފައިވެއެވެ.
މިއަދު ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މޫސަގެ ހަށިގަނޑު މާލެއަށް ގެނައި، ހަދަންޖެހޭ އިތުރު ތަހުލީލުތަކެއް ހެދުމަށް ކަމުގައެވެ. ނަމަވެސް ހަދަނީ ކޮން ތަހުލީލުތަކެއްކަން އެ އިދާރާއިން ހާމަކޮށްފައިނުވެއެވެ.
މި މައްސަލާގައި އިއްޔެ ފުލުހުންވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ.ނޮޅިވަރަންފަރު އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑެއް އޮތް މީހެކެވެ.
މި ހާދިސާގައި މޫސައަށް ހަަމަލާދިނުމަށް ބޭނުންކުރި ވަޅި ފުލުހުންވަނީ މޫދުން ހޯދާފައެވެ.
ފުލުހުންދަނީ އެ މައްސަލައިގަ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުންނެވެ.