ENGLISH
10 ސެޕްޓެމްބަރު 2025
މަޖިލީހުން އާއްމުކުރާ މައުލޫމާތު ޒިންމާދާރުކަމާއެކު ހާމަކުރުމަށް އިލްތިމާސްކޮށްފި
29 ޖުލައި 2025
|
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަަޖިލީހުގެ އިދާރާއިން ޢާއްމުކުރަން ގެންދާ މަޢުލޫމާތުތައް ޒިންމާދާރުކަމާއެކީ ޙިއްސާކުރުމަށާއި، އަދި މަޢުލޫމާތު ޢާއްމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ ތެދު މަޢުލޫމާތެއްކަން ކަށަވަރުކުރުމަށް އެންމެހާ ފަރާތްތަކަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މަޖިލީހުން ރޭ ނެރުނު ބަޔާނުގައި އާއްމުންނަށް އެގޮތަށް އިލްތިމާސްކުރީ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ މަޢުލޫމާތަކާއި ގުޅިގެންނެވެ.
މަޖިލީހުން އާއްމުކުރި ބަޔާނުގައި ބުނީ ޤާނޫނުއަސާސީންނާއި ޤާނުނުތަކުން މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަޖިލީހުގެ މަސައްކަތްތަކުގެ މައުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގެ ދަށުން، އާއްމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށްގެންދަނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށެވެ. އަދި، ވެބްސައިޓުގައި މަޢުލޫމާތު ހާމަކުރަމުންގެންދަނީ އެ އިދާރާގެ މަސައްކަތްތައް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
""އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި، ޤަރާރުތަކާއި، މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި، ޝާމިލުވެލައްވާ ކޮމިޓީތަކުގެ މަޢުލޫމާތާއި ތަފާސްހިސާބު ފެންނަން ހުންނާނެއެވެ. އެހެންނަމަވެސް، އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތް ނޫންކަމުގައި ދަންނަވަމެވެ." " - މަޖިލީހުގެ އިދާރާ
ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރިއަށްގެންދާ ކަމަށެވެ. އަދި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
""ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސަރކުރައްވާ ބިލުގެ ޢަދަދު ނޫންކަމާއި، އެކި މަރުޙަލާތަކުގައި މަޖިލީހުގެ މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންކަން ފާހަގަކުރަމެވެ." " - މަޖިލީހުގެ އިދާރާ
މީސްމީޑިއާގައި މެންބަރުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ހާމަކޮށްފައިވާ މަޢުލޫމާތާ ގުޅޭގޮތުން މަޖިލީހުގެ ބަޔާނުގައި އިލްތިމާސްކުރީ، އެ އިދާރާއިން އާއްމުކުރާ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންނުކޮށް، މަޢުލޫމާތު ޢާއްމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ ތެދު މަޢުލޫމާތެއްކަން ކަށަވަރުކުރުމަށެވެ.