ENGLISH
10 ސެޕްޓެމްބަރު 2025
ރޭ އައި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރި: މެޓް އޮފީސް
29 ޖުލައި 2025
|
ބިންހެލުން އައި ސަރަހައްދު، ފޮޓޯ: ގޫގުލް
އިންޑިޔާގެ ނިކޯބާ ރަށްތަކަށް ރޭ އައި ބިން ހެލުމުގެ އަސަރު ރާއްޖެއަށްވެސް ފޯރިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރޭ ރާއްޖޭ ގަޑިން 11:45 ހާއިރު އިންޑިޔާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޯބާ އައިލެންޑްސްއަށް އައި ބިންހެލުމަކީ 6.2 މެގްނިޓޫޑުގެ ބާރުމިން ހުރި ބިންހެލުމެކެވެ.
ބިންހެލުން އައުމާއެކު އެކަން އާއްމުންގެ ސަމާލުކަމަށް އެ އިދާރާއިން ރޭ ގެނެސްފައިވެއެވެ. އެއިރު އެ އިދާރާއިން ލަފާކުރީ ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމުގައެވެ.
ނަމަވެސް މިއަދު ހެނދުނު މެޓު އޮފީހުން ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރޭގެ ބިންހެލުމާއެކު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުން އެރި ކަމުގެ ރިޕޯޓުތައް ލިބުނު ކަމަށެވެ. ގދ.ކާޑެއްދޫގައި ހުންނަ ބިންހެލުން ރެކޯޑުކުރާ މީޓަރަށް، ބިންހެލުން އައިތާ ހަތް މިނިޓު ފަހުން ލޮޅުމެއްގެ އަސަރު ކުރިކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ނަމަވެސް ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަަށްވެސް މެޓް އޮފީހުން ރިޕޯޓުކޮށްފައިވެއެވެ.
ނިކޯބާ އައިލެންޑްސްއަކީ ދޭތެރެއަކުން ބިންހެލުން އަންނަ ސަރަހައްދެކެވެ. މި ބިންހެލުން އައުމާ ގުޅިގެން އެ ބިންހެލުމަށް ސަމާލުވުމަށް މިފަދަ ކަންކަމާ ގުޅިގެން އިންޒާރު ނެރޭ ބައިނަލްއަގުވާމީ އިދރާތަކުންވެސް އިލްތިމާސްކުރިއެވެ.