ENGLISH

20 ޖޫން 2026

Advertisement

އީރާން ޓީމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކަށް ލުއިދިނުމަށް މަޝްވަރާކުރަނީ

20 ޖޫން 2026

|

ސުވެއިދާ ހުސެއިން

އިރާނުގެ ޤައުމީ ފުޓްބޯޅަ ޓީމު --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގައި އީރާނުގެ ޤައުމީ ޓީމަށް ކުރިމަތިވެފައިވާ ހަރުކަށި ދަތުރުފަތުރުގެ ހުރަސްތަކަށް ލުޔެއް ދިނުމާ މެދު އެމެރިކާގެ ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިހާރު ކަނޑައަޅާފައިވާ ވިސާގެ އުސޫލުތަކުގެ ދަށުން، މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާގައި ކުޅޭ މެޗުތަކަށް އީރާން ޓީމަށް އެތެރެވޭނީ މެޗު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އެ ޤައުމުން ފުރައިގެން ދާންޖެހެއެވެ.

މި ހަރުކަށި އުސޫލުތަކުގެ ސަބަބުން، ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށްފަހު، އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ އެ ޓީމަކީ މުޅި މުބާރާތުގައިވެސް އެންމެ ބޮޑު "ނިކަމެތިކަމެއް" ތަހައްމަލު ކުރަންޖެހިފައިވާ ޓީމު ކަމަށް ބުނެފައެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، މި މަހުގެ 27 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ތިންވަނަ މެޗަށް އީރާން ޓީމު ދަތުރުކުރުމުގައި ލުއިތަކެއް ދިނުމާ މެދު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އީރާން ޓީމު މުބާރާތުގެ ތެރޭގައި މަޑުކުރަނީ މެކްސިކޯގައެވެ. ގިއުލިއާނީ ފާހަގަކުރެއްވި ގޮތުގައި، ލޮސް އެންޖެލިސްއަށް ކުރަންޖެހެނީ 30 މިނެޓުގެ ކުރު ފްލައިޓަކަށް ވާތީ، ފުރަތަމަ ދެ މެޗުގައި މި އުސޫލަށް އަމަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ސިއެޓްލްއަށް ކުރަންޖެހޭ ދަތުރަކީ ތިން ގަޑިއިރުގެ ދިގު ދަތުރަކަށް ވާތީ، އެ މެޗަށް ދަތުރުކުރުމުގައި ބަދަލުތަކެއް ގެނައުމަށް ދަނީ ވިސްނަމުންނެވެ.

ގިއުލިއާނީ ވިދާޅުވީ އެމެރިކާގެ ޤައުމީ ސަލާމަތަށް އެއްވެސް އުނިކަމެއް ނާންނާނެހެން، ދަނޑުމަތީގައި ހުރިހާ ޓީމުތަކަކަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށެވެ. އަދި އީރާން ޓީމަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ރައީސް ޓްރަމްޕް ޚާއްސަ ގަރާރެއްގައި ސޮއިކުރައްވާފައިވާކަން ފާހަގަކުރައްވައި، އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، ކުޅުންތެރިންގެ ޖިސްމާނީ އަދި ފަންނީ ތައްޔާރުވުންތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮންމެ މެޗެއްގެ ދެ ދުވަސް ކުރިން އެ ސިޓީއަކަށް ދިއުމުގެ ހުއްދަ އާއި، މެޗު ނިމޭ ދުވަހުގެ އަނެއް ދުވަހު އެނބުރިދިއުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

އީރާނުން ދެކޭގޮތުގައި މިފަދަ ހުރަސްތަކަކީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލާ ޚިލާފު ކަމެކެވެ. އެހެންކަމުން، މިކަމާ ގުޅޭ ރަސްމީ ޝަކުވާ ފީފާއަށް ހުށަހަޅާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. ނަމަވެސް ފީފާއިން ބުނެފައިވަނީ މުބާރާތް ކޮންމެ ޤައުމެއްގައި ބޭއްވި ނަމަވެސް، އެ ޤައުމެއްގެ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކަށް އެ އިދާރާއަށް ބާރު ފޯރުވޭނެކަމަށް ނެދެކޭ ކަމަށެވެ. އެހެން ނަމަވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީރާނުގެ މެޗެއް ދެން އޮންނާނީ އާދީއްތަ ދުވަހު ލޮސް އެންޖެލިސްގެ އިނގްލެވުޑްގައި ބެލްޖިއަމާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު