ENGLISH

20 ޖޫން 2026

Advertisement

ދިއްދުއާ އެއްވަރުވެ ގްރީން ސްޓްރީޓްސްއަށް އުނދަގޫ ހާލަތެއް

20 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ގްރީން ސްޓްރީޓްސް އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ކޮލިފައިން ބުރުގައި ހއ. ދިއްދުއާ އެއްވަރުވެ، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ދަމަހައްޓަން ކުލަބު ގްރީން ސްޓްރީޓްސްއަށް އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. 

މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. ކޮލިފައިންފައި ގްރީން ސްޓްރީޓްސްއިން މިހާތަނަށް ކުުޅުނު ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އެ ޓީމު ފަސްވަނައިގައި އޮތްއިރު، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް ގްރީން ސްޓްރީޓްސްއަށް މިހާރު އޮތީ ހަނި ފުރުސަތެކެވެ. 

މި ވަގުތު ކޮލިފިކޭޝަނުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށްވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ބިސް ބުރާއި، ދެވަނައިގައި އޮތް ޓީސީން ތިން މެޗު ކުޅުނުއިރު، ދިއްދޫން މިހާތަނަށް ވަނީ ހަތަރު މެޗު ކުޅެފައެވެ. ހަތަރުވަނައިގައި އޮތް ގައްދުއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހުރާއަށް ތިން މެޗުން ވަނީ ދެ ޕޮއިންޓް ލިބިފައެވެ.

ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ދިއްދޫންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ސެއިން ޑަންޖޫމާ ގުމްބާރީއެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ގްރީން ސްޓްރީޓްސްއިން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު ޖަހައިދިނީ އެލްސައީދު މަހްމޫދެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނެޓުގައި ހުސައިން ރަޝީދު ވަނީ ދެވަނަ ފަހަރަށް ދިއްދުއަށް ލީޑު ނަގައިދީފައެވެ. މި މެޗުން ބަލިނުވެ ގްރީން ސްޓްރީޓްސް ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އޮބައިދާ ކަދުމް ޖެހި ލަނޑުންނެވެ.

ކޮލިފައިންގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި ބިސް ބުރެވެ.

ކިޔުންތެރިންގެ ހިޔާލު