ENGLISH

20 ޖޫން 2026

Advertisement

ކިއުރަސޯ ޓީމުގެ އިސް ޑޮކްޓަރު: ފުޓްބޯޅައިގެ މައިދާނުގައި އަންހެން ޑޮކްޓަރެއްގެ ކާމިޔާބީ

20 ޖޫން 2026

|

ސުވެއިދާ ހުސެއިން

ޑރ. ސުޒާން ހޫރްމަން؛ ވޯލްޑް ކަޕުގައި މެޑިކަލް ހެޑުންގެ ތެރެއިން ހުރި ހަމައެކަނި އަންހެނާ ---

ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ޓީމުތަކުގެ މެޑިކަލް ހެޑުންގެ ގޮތުގައި ތިބީ 47 ފިރިހެނުންނާއި އެންމެ އަންހެނެކެވެ.

ޑރ. ސުޒާން ހޫރްމަން އަކީ ވޯލްޑް ކަޕުގެ 96 އަހަރުވީ ދިގު ތާރީޚުގައި، ޤައުމީ ފިރިހެން ޓީމެއްގެ މެޑިކަލް ހެޑުގެ ގޮތުގައި މަސައްކަތްކުރައްވާ ތިންވަނަ އަންހެން ޑޮކްޓަރެވެ. އޭނާ މަސައްކަތް ކުރައްވަނީ، އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ބަލާއިރު މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ އެންމެ ކުޑަ ޤައުމު ކަމަށްވާ ކިއުރަސޯ ޓީމުގައެވެ.

މީގެ ކުރިން 2010 ވަނަ އަހަރުގެ ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގައި ނިއުޒީލެންޑްގެ ފިރިހެން ޓީމާއެކު ޑރ. ސެލެސްޓޭ ގީޓްސެމާ މަސައްކަތް ކުރައްވައި، މުބާރާތުގައި ވާދަކުރި ޓީމެއްގެ ފުރަތަމަ އަންހެން ޑޮކްޓަރުގެ ޝަރަފު ހޯއްދެވިއެވެ. އަދި 2023 އިން ފެށިގެން ޑރ. ސިލްޖާ ޝްވާޒް އަންނަނީ ޖަރުމަނުވިލާތުގެ ފިރިހެން ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހިމެނޭ ހަމައެކަނި އަންހެން މެޑިކަލް ހެޑަކީ އޭނާކަން ފީފާއިން ހާމަކުރުމުން، އެކަމާ މެދު ޑރ. ހޫރްމަން މާ ބޮޑަކަށް ފިކުރެއް ނުކުރެއެވެ.

"ފުރަތަމަ އަހަރެން އެކަން ފާހަގައެއް ނުކުރަން. ސަބަބަކީ ގިނަ ފިރިހެނުންގެ ތެރޭގައި ހުރި ހަމައެކަނި އަންހެނަކަށް ނުވަތަ މަދު އަންހެނުންގެ ތެރެއިން އެކަކަށް ވުމަކީ އަހަންނަށް ވަރަށް އާދައިގެ ކަމަކަށް ވެފައި އޮތީމަ،" އޭނާ ކިޔައިދިނެވެ.

ހޫރްމަން ބުނި ގޮތުގައި އޭނާ އުއްމީދު ކުރަނީ ވަރަށް އަވަހަށް އިތުރު އަންހެނުން މި ދާއިރާއިން ފެންނާނެ ކަމަށެވެ. ސަބަބަކީ އެކަމަށް ގާބިލު ވަރަށް ގިނަ އަންހެނުން ހުރީހާ ހިސާބެއްގައިވެސް ތިބުމުން ކަމަށެވެ.

ޑރ. ހޫރްމަން މިފަހުން ވަނީ ފުޓްބޯޅައިގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ފުރުސަތުތަކާއި، އަދި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ބްރެޒިލަށް އުފަން ޑރ. ހޫރްމަން ވަނީ ރެއާލް މެޑްރިޑް، ގޯ އަހެޑް އީގަލްސް އަދި ޕީއެސްވީ އެއިންދޯވަން ފަދަ ކުލަބުތަކުގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން ނެދަލެންޑްސްގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމުގެ މެޑިކަލް ލީޑަރުގެ މަގާމާއި، ނެދަލެންޑްސްގެ އަންހެން ހޭންޑްބޯޅަ ޓީމުގެ ޑޮކްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ކެރީބިއަން ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ކިއުރަސޯ އަކީ ގާތްގަނޑަކަށް 158,000 މީހުންގެ އާބާދީއެއް އޮތް، ނެދަލެންޑްސްގެ ބައެކެވެ. އެ ޤައުމު 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ، ހަތް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށްގެންނެވެ.

ފިރިހެނުން ގިނަ ދާއިރާއެއްގައި މަސައްކަތް ކުރުމަކީ ޑރ. ހޫރްމަން ޖެހިލުންވާ ކަމެއް ނޫނެވެ. ނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.

"ތިމާގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ސާބިތުކޮށްދީފިނަމަ، އެމީހުން ބަލައިގަތުން ފަސޭހަވާނެ. ސަބަބަކީ މިކަމަކީ ފެންވަރާއި ނަތީޖާއާ ގުޅިފައިވާ ކަމަކަށް ވާތީ. ތިމާއަކީ ގާބިލު މީހެއްކަމާއި، އެންމެންގެ މަގުސަދަކީ އެކައްޗެއްކަން އެނގުމުން ކަންކަން ފަސޭހަވެގެންދޭ،" އޭނާ ބުންޏެވެ.

ކިއުރަސޯގެ ފެޑެރޭޝަނަށް ބަލާއިރު، މުޅި ޓީމުގައިވެސް ހުރި ހަމައެކަނި އަންހެނަކީ ޑރ. ހޫރްމަންކަން ފާހަގަކޮށް، އޭނާ ބުނީ ކުޅުންތެރިންނާއި ސްޓާފުން ހިމެނޭހެން 49 މީހުން ދަތުރުކުރާއިރު، އަންހެނަކަށް ހުންނަނީ ހަމައެކަނި އޭނާއެކަނި ކަމަށެވެ.

ހުރި ގޮންޖެހުންތައް:

2008 ވަނަ އަހަރު ނެދަލެންޑްސްގައި ޑޮކްޓަރުކަން ކިޔެވި ދުވަސްވަރު، ކޯހުގައި ގިނައީ އަންހެނުންކަން ޑރ. ހޫރްމަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޭސްވެރިކަން ކިޔެވިިއިރު، 70 އިންސައްތަ އާއި 75 އިންސައްތަ އަކީ އަންހެނުންނެވެ. އެކަމަކު 2014 ގައި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ޚާއްސަވިއިރު، އެ އަދަދު އޮތީ އޭގެ އިދިކޮޅަށްކަން ހޫރްމަން ފާހަގަކުރެއްވިއެވެ. 

2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕުގައިވެސް ހުރިހާ ޓީމަކާއެކު އަންހެން ޑޮކްޓަރުން މަސައްކަތެއް ނުކުރެއެވެ. އިންގްލެންޑާއި ސްވިޑަން ފަދަ ޤައުމުތަކުގެ ޓީމުތަކުގައިވެސް ތިބީ ފިރިހެން ޑޮކްޓަރުންނެވެ.

ފުޓްބޯޅައިގެ ދާއިރާގައި އަންހެން ޑޮކްޓަރުން މަދުވާ ސަބަބާ ގުޅޭގޮތުން  ޑރ. ހޫރްމަން ވިދާޅުވީ އެންމެ ބޮޑު ހުރަހަކީ މި ދާއިރާގެ މަސައްކަތް ހުންނަ ގޮތުން އަމިއްލަ ދިރިއުޅުމަށް ކުރާ އަސަރު ކަމަށެވެ.

"މިއީ ހަމައެކަނި ގާބިލުކަމުގެ ވާހަކައެއް ނޫން. ތިމާއަކީ ކިތަންމެ މޮޅު ޕްރޮފެޝަނަލެއް ކަމުގައި ވިޔަސް، އަބަދު ދަތުރުފަތުރު ކުރުމާއި އުޅެންޖެހޭ ގޮތުން އަމިއްލަ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރޭ. އާއިލާއެއް އޮތްނަމަ، ނުވަތަ ބަލިވެއިންނަ ނަމަ، ވަކި މުއްދަތަކަށް މަސައްކަތާ ދުރަށް ދާންޖެހޭ. އެކަމަކު ފުޓްބޯޅަ ސީޒަނަކީ ތިމާ ބޭނުންވާ ގޮތަށް ވަގުތު ކަނޑައެޅޭނެ އެއްޗެއް ނޫން. ތިމާ ނެތް ވަގުތު މަސައްކަތް ކުރާނެ މީހަކު ހުންނަންޖެހޭ. އަދި ޓީމާއެކު އަބަދު ހުންނަން ބޭނުންވާތީ އެއީ ވަރަށް ބޮޑު އުނދަގުލެއް. މިއީ ހަމައެކަނި ފުޓްބޯޅައިގައި އޮތް ކަމެއް ނޫން، މުޅި ކުޅިވަރުގެ ދާއިރާއަކީވެސް 24 ގަޑިއިރު ތައްޔާރަށް ހުންނަންޖެހޭ ވަރަށް ބުރަ ދާއިރާއެއް،" ޑރ. ހޫރްމަން ވިދާޅުވިއެވެ.

2026 ވަނަ އަހަރު، ފުޓުބޯޅައިގެ ތެރެއަށް ބަދަލުތަކެއް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ފީފާއިން ވަނީ އައު ގަވާއިދުތަކެއް ތައާރަފުކޮށްފައެވެ. މި ގަވާއިދުތަކުގައިވާ ގޮތުން، ކޮންމެ ޓީމެއްގެ މެޑިކަލް ސްޓާފުންގެ ތެރޭގައި މަދުވެގެން އެއް އަންހެން މެޑިކަލް އޮފިސަރަކު އަދި ކޯޗިންގ ސްޓާފުންގެ ތެރޭގައި މަދުވެގެން އެއް އަންހެން ކޯޗަކު ހިމަނަންޖެހެއެވެ.

ޑރ. ހޫރްމަން ދެކެވަޑައިގަންނަވާ ގޮތުގައި މި އައު ގަވާއިދުތަކަކީ ވަރަށް ރަނގަޅު ހެޔޮ ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު