ENGLISH
10 ސެޕްޓެމްބަރު 2025
އާރުޑީސީގެ އަދާހަމަ: ކުނބުރުދޫ، ކޮލަމާފުށި، މަހިބަދޫ އަދި އިހަވަންދޫގައި މަޝްރޫޢުތައް ކުރިއަށް
29 ޖުލައި 2025
|
އާރުޑީސީގެ ފަރާތުން މަހިބަދޫގައި ތަރައްގީކުރާ ފުޓްސަލް ދަނޑަށް ބޭނުންވާ ޓާފް އެރަށަށް ގެންގޮސްފައި. ފޮޓޯ: އާރުޑީސީ
ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ އެކުންފުނިން އާއްމުކޮށްފިއެވެ.
އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ރަށްތަކަށް ބޭނުންވާ މުހިއްމު ދާއިރާތަކުގެ ބޮޑެތި މަސައްކަތްތައް ވެސް ހިމެނެއެވެ.
އާރުޑީސީން ޖުލައި 24 ވަނަ ދުވަހު އާއްމުކުރި އަދާހަމައިގައި ވަނީ ހަތަރު ރަށެއްގެ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ހާމަކޮށްފައެވެ.
ކުޅިވަރުގެ ދާއިރާއިން އދ. ކުނބުރުދޫގައި އެކޯޕަރޭޝަނުން ވަނީ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން ޓާފް އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމާލާފައެވެ.
ގއ. ކޮލަމާފުށީގައި ވެސް އާރުޑީސީން އަންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އެރަށުގައި އާރުޑީސީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލްގެ މެމްބަރުންނާއި ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަދި އިސްވެރިން ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. ބައްދަލުވުން ކުރިއަށްދިޔައީ ޖުލައި 23 ވަނަ ދުވަހެވެ.
ކޮލަމާފުށީ ކައުންސިލާއެކު އާރުޑީސީން ކުރިއަށްގެންދިޔަ ބައްދަލުވުން. ފޮޓޯ: އާރުޑީސީ
އދ. މަހިބަދޫގައި އާރުޑީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެރަށުގައި ހަދަމުންދާ ފުޓްސަލް ދަނޑަށް ބޭނުންވާ ޓާފް މިހާރު ވަނީ އެރަށަށް ފޮނުވާފައެވެ. އަދި، ދަނޑުގެ ވަށާފާރުގެ މަސައްކަތާއި ފެންސު ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައެވެ.
ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ބައެއް މަގުތަކުގައި ކޯނަރ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވާކަމަށް އާރުޑީސިން ވަނީ ބުނެފައެވެ.
އާރުޑީސީން ވަނީ ރާއްޖޭގެ 60 އަހަރުވީ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ބޭއްވި ފުޅަނދުބުރުގައި ވެސް ބައިވެރިވެފައެވެ. އެ ކޯޕަރޭޝަނުން ދައްކާލި މުނިފޫހިފިލުވުމުގެ ފުޅަނދުބުރަށް އާއްމުންގެ ސަމާލުކަން ލިބުނެވެ.
މަޝްރޫޢުތަކުގެ އަދާހަމަ އާރުޑީސީން ހާމަކުރިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހަފްތާ ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރެއްވި ޒިޔާރަތުގައި ވެސް އާރުޑީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ގިނަ މަޝްރޫޢުތަކެއްގައި ސޮއިކުރިއެވެ.
ނ. އަތޮޅު ރަށްތަކުގައި އާރުޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި ފުލުހުންގެ މަރުކަޒުތަކާއި ޞިއްޙީ މަރުކަޒުތައް ޤާއިމުކުރުން ހިމެނެއެވެ. އަދި، ނ. ވެލިދޫގައި ސަރުކާރުން ތަރައްޤީކުރާ ކޮމިއުނިޓީ-ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަޅަން ޙަވާލުކުރީވެސް އެ ކޯޕަރޭޝަނާއެވެ.