ENGLISH
10 ސެޕްޓެމްބަރު 2025
ލަންކާގެ ރައީސްގެ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ރައީސް މުޢިއްޒު
28 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލަންކާގެ ރައީސްއާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަތުރުފުޅާއެކު ރާއްޖެ-ލަންކާ ގުޅުން އިތުރުން ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެ މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވަވާފަ އެވެ.
އެ ބައްދަލްވުންތަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާ ލަންކާ އިން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ މި ދަތުރުފުޅަކީ ޚާއްސަ ދަތުރުފުޅެއް ކަމަށެވެ.
ރާއްޖެއަސް މިނިވަންކަން ލިބުމާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުިރ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނޭކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ-ލަންކާ ދެމި އޮތީ ތަރައްޤީގައި އެހީތެރިވެދެވޭ ގާތް އެކުވެރީންގެ ގޮތުގައި ކަމަށެވެ.
އަދި ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި އޮތް ތާރީޚީ ދިގު ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެއްކަން ފާހަގަ ކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުުރުމާއި ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ޔަޤީންކަން ދެއްވީ މި ދަތުރުފުޅާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެވެ.