ENGLISH
10 ސެޕްޓެމްބަރު 2025
ސޯބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
28 ޖުލައި 2025
|
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު ފަސްދާނުލުމުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު ރަސްމީ އިއްޒަތުގައި މިއަދު ފަސްދާނުލައިފިއެވެ.
ސޯބިރުގެ ޖަނާޒާ އޮތީ މިއަދު އަސުރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. ސޯބިރުގެ މޫނު ދެއްކުމާއި ކަށުނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
ސޯބިރުގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އުމުރުފުޅުން 73 އަހަރުގައި ސޯބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
އަވަހާރަވީއިރު ސޯބިރު ހުންނެވީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމުގައެވެ.
ސޯބިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސޯބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި ސޯބިރު އަވަހާރަވި ހަބަރު އެއްސެވީ ވަރަަށް ފުން ހިތާމަައާއެކު ކަމަށްވެސް ރަައީސް ވިދާޅުވިއެވެ.
ސޯބިރުގެ ހިދުމަތުގެ ތާރީހަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ ސޯބިރަކީ ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމަށް ވަރަށް ބިނާކުރަނަވި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ވަޒީރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު އޭނަ ހިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ސޯބިރަކީ ދިވެހިރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅި ސަފީރުކަމުގައި ހުންނަވައިގެން ރާއްޖެއާއި އެހެނިހެން ގައުމުތަކާދެމެދު އޮންނަ ހާރިޖީ ގުޅުންތައް ބަދަހިކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޑިޕްލޮމެޓެއްކަމަށް ރައީސް ވިދާޅުވިއެވެ.