ENGLISH
10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ނޫން ވެރިން އުޅުއްވީ ޖުޑީޝަރީގެ އުދާސްތަކަށް ފިއްލަވައިގެން: ޝުޖާ
28 ޖުލައި 2025
|
ރައީސް ޑރ.މުއިއްޒާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ކޯޓުތަކުގެ ޖާގައިގެ ދަތިކަން ބޮޑުވެ މައްސަލަތައް ކުރިއަށްނުގެންދެވި މަޑުޖެހިފައި ހުރުމާ ގުޅިގެން ޖުޑީޝަރީން ކުރަމުން އައި ޝަކުވާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ދެއްވީ ބީރުކަންފަތެއްކަމަށް ވިދާޅުވެ ކުރީގެ ވެރިންނަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާ މިފަދައިން ފާޑުވިދާޅުވީ ކްރިމިނަލް ކޯޓު ހިންގަމުން އައި ބާ އިމާރާތް ހަލާކުވެ، އެތަނުގައި ކޯޓު ހިންގުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ކަނޑައެޅިފަހުންވެސް އެ ކޯޓު ހިންގާނެ އައު އިމާރާތެއް ހަމަނުޖެހި މައްސަލަތައް ކުރިއަށްނުގެންދެވި ފުނިޖެހެމުންދިޔަ މައްސަލަ ހައްލުކުރައްވައި ކޯޓަށް އައު އިމާރާތެއް ރައީސް ޑރ.މުއިއްޒު ހަމަޖައްސަަވައިދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަސްޓިސް ބިލްޑިން އެނެކްސްގެ ނަމުގައި ގާއިމުކުރި އިމާރާތް އިއްޔެ އިފުތިތާހުކޮށްދެއްވީ ރައީސެވެ. އެ އިމާރާތުގައި ކުރިމިނަލް ކޯޓުގެ އިތުރަށް ޑްރަގު ކޯޓު ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވެއެވެ. އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.
އެ އިމާރާތް ހުޅުވުމަށް އިޝާރާތްކުރައްވައި ޝުޖާއު ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން އިންސާފާއި އަދުލޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަކީ މުޅިންވެސް އިތުރުފުޅު ކަމަށެވެ. އަދި ޖުޑީޝަަރީއަށް ކުރިމަތިވި ބޮޑެތި ހަގީގީ މައްސަލަތަކަަށް އެ ބޭފުޅުން ދެއްވީ ބީރު ކަންފަތެއް ކަމުގައި އޭނާ ތުހުމަތުކުރެއްވިއެވެ.
އިތުރަށް ޝުޖާއު ވިދާޅުވީ ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވައިދެއްވައި، ރައީސް ހޯދައިދެއްވީ "ވާނުވާ ބަންދު" ނުވަތަަ ޝަަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލަތައް ނުނިމި ދިގުލައިގެން ދާދިއުމުގެ ހައްލު ކަމަށެވެ. އަދި މައްސަލަތައް ނުނިމެނީ ޖާގައިގެ ދަތިކަމުންކަމަަށް ދެން ނުބުނެވޭނެ ކަމުގައި ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވި ގޮތުގައި އިންސާފު ލިބޭކަން ކަށަވަރުކުރުމަށް ކޯޓުތަކަށް ބޭނުންވަނީ ތަނަވަސް މާހައުލެކެވެ. އެ މާހައުލު ނުލިބި އޮތުމަކީ އިންސާފުގެ ދާައިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށާއި، ރައީސް މުއިއްޒު ފިޔަވައި ޝަރުއީ ދާއިރާއިން އެކަމުގައި އުފުލި ޝިކާޔަތު އަޑުއައްސަވާނެ ބޭފުޅަކު ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ކުރީގެ ހުރިހާ ވެރިން އުޅުއްވީ ފަނޑިޔާރުންގެ މިވާހަކައަށް ފިއްލަވައިގެން،" ކުރީގެ ވެރިން އެކަމުގައި އަމަލުކުރެއްވި ގޮތަށް ފާޑުވިދާޅުވަމުން ޝުޖާ ވިދާޅުވިއެވެ.