ENGLISH
10 ސެޕްޓެމްބަރު 2025
ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ދިދަ ބައިދަނޑިއަށް ތިރިކުރަނީ
28 ޖުލައި 2025
|
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔަ ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އުމުރުފުޅުން 73 އަހަރުގައި ސޯބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
އެކަމުގެ ހިތާމައިގައި ރައިސުލްޖުމްހޫރިއްޔާ ވަނީ މާދަމާ، 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ހަމަޖައްސަވާފަ އެވެ. ރައީސްވަނީ ސޯބިރު ގައުމަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވައި އޭނާއަށް ތާރީފުކުރެއްވުމާއެކު، އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ސޯބިރުގެ ގައުމީ ހިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވުމަށް ނިންމަވައި 27 ޖުލައި 2025 ގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ.މުއިއްޒު އޭނާއަށް އެ ޝަރަފު އަރުވާފައިވެއެވެ. އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން ޝަރަފާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ސޯބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އގްތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ރާއްޖޭގެ ތަރައްގީގެެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އޭނާ ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެ އެވެ.