ENGLISH
10 ސެޕްޓެމްބަރު 2025
ގޭސް ކުންފުނީގެ ކުރީގެ އެމްޑީގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެމްއައިބީއަށް ދައްކަން ހުކުމްކޮށްފި
28 ޖުލައި 2025
|
ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނުގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އަށް ދައްކަން ހުކުމްކޮށްފި އެވެެ.
ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ ރަހުނު ބަހައްޓައިގެން އެމްއައިބީން އޭނާއަށް ދޫކުރި ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ފައްކާފައިނުވާތީ އެ ފެސިލީޓިއަށް ދައްކަންޖެހޭ ފައިސާއާއި ޗެރިޓީގެ ދައިސާ ހޯދުމަށާއި ރަހުނު ސާބިތުކުރުމަށް ބޭންކުން ހުށަހެޅި މައްސަލަ އެއްގަ އެވެ.
އެމްއައިބީން ސިވިލް ކޯޓުގައި އެދުނއެ ބޭންކުން އޭނާއަށް ދޫކުރި 2،250،000 ރ. ގެ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ތެރެއިން ނުދައްކާ ހުރި 1،102،067 ރ. އާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ 7،498/29 ރ. އަކީ ދައްކަންޖެހޭ ފައިސާކަން ކަނޑައަޅައިދިނުމަށެެވެ. އަދި ފެސިލީޓޫގެ ފައިސާ ދައްކައި ޚަލާސްކުރުމާ ހަމަޔަށް ދައްކަންޖެހޭ ފެސިލީޓީގެ ފައިސާއާއި މަހުން މަހަށް އަރަމުންދާ "މަންތުލީ ރެންޓަލް" އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އަރަމުންދާ ޗެރިޓީގެ ދައިސާ ވެސް 6 މަސް ދުވަހުގެ ތެރޭގައި ދައްކަން އެންގުމަށެވެ.
ދައުވާ ލިބޭ މައުމޫންގެ ޣައިރު ހާޒިރުގައި މިދިޔަ ޖޫން މަހު ކޮށްފައިވާ ހުކުމުގައި ވަނީ އެމްއައިބީން އެދުނު ގޮތަށް ފައިސާ ދައްކަން ޖެހޭ ކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އަރަމުންދާ ފައިސާ ވެސް މި މަހުގެ 24 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެ އެވެ.
މައުމޫނަކީ ގޭސް ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުވާ ބޭފުޅެކެވެ. އެ ތުހުމަތުތަކުގެ ތެރެއިން ބައެއް މައްސަލަތައް އޭސީސީއާއި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށްފައިވެއެވެ.
އަދި އެ ތުހުމަތުތަކުގެ ތެރެއިން ގޭސް ކުންފުންޏަށް ކައްކާ ގޭސް ވިއްކި ކުންފުންޏަކުން ރިޝްވަތުގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ނެންގެވިކަމަަށް ތުހުމަތުވާ މައްސަލައެއްގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވެއެވެ.