ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކުރު މުއްދަތެއްގައި ހިދުމަތް ފުރިހަމަކޮށް ހުޅުވި ޓާމިނަލްވާނީ އިގުތިސާދީ ކުރިއެރުމުގެ ހަކަތައަށް

28 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު އުފުލަަކީ ޒަމާނީ ވަސީލަތްތަކުން މުއްސަނދިކުރެވިފައިވާ ޖާގައިގެ ގޮތުން ނުހަނު ތަނަވަސް، އައު ޓާމިނަލެއް ވީއައިއޭގައި ގާއިމުކުރެވި ހުޅުވިގެންދިއުމެވެ. 2016 ވަނަ އަހަރު ފެށި މި މަޝްރޫއު ނުވަ އަހަރު ފަހުން ނިމުމަކަށް އައީ އެ މަޝްރޫއު ނިންމުމުގެ މުހިއްމުކަން ވިސްނިވަޑައިގެން އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި އިސްކަމުގެ ސަބަބުންނެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޓާމިނަލުގެ އިމާރާތުގެ މަސައްކަތާއި، އެތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތަކާއި ތަނާ ގުޅިފައިވާ އެހެނިހެން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގޮސްފައި ހުރީ ފިނިހަކަ ދުވެލީގައި ވަރަށް މަޑުންނެވެ. އެ ދުވެލީގައި މަސައްކަތް ކުރިއަށްދިޔަނަމަަ ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވައިލެވޭނީ 2027 ވަނަ އަހަރުއެވެ. 

މަޝްރޫއުތައް ލަސްވުމުން ގެއްލިގެންދާ އިގުތިސާދީ ފުރުސަތުތައް ބައިވަރެވެ. އަދި އުފުލަންޖެހޭ މާލީ ބުރަތައްވެސް އެހައިމެ ބޮޑެވެ. މިކަން ދެނެވަޑައިގެން ރައީސް ނިންމެވީ ޓާމިނަލުގެ މަސައްކަތް ހަލުއިކުރެއްވުމަށެވެ. އަވަހަށް މަސައްކަތް ނިންމަަވަން ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ފެށިއިރު ކުރަން ހުރި މަސައްކަތްތައް ގިނައެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުހައްމަދެވެ. 

ހިދުމަތްތައް ފުރިހަމަކުރެވިފައި ނެތް ހުސް ތޮށިގަނޑެއް 

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޓާމިނަލުގެ މަސައްކަތް ކުރެވިފައި އޮތް ގޮތާއި އެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް މިންވަރު ތަފުސީލުކޮށް ވިދާޅުވެދެއްވަމުން ޝަރީފު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ސިފަކޮށްދެއްވި ގޮތުން ޓާމިނަލުގެ އެތެރޭގެ މަސައްކަތްތައްވެސް އެއިރު ނިންމައިލުވެއެވެ. ޓާމިނަލުގެ އިމާރާތުގެ މަަސައްކަތް ނިމުނަސް ތަނުން ބަޔަކަށް ހިދުމަތަށް ދޭނަމަ އެތަނުގައި ފުރިހަމަވާންޖެހޭ އަސާސީ އެތައް ކަމެއް ހުރީ ފުރިހަމަނުކޮށެވެ. ޓާމިނަލެއްގެ ގޮތުގައި އެތަން ބޭނުންކުރަން ކޮންމެހެން ބޭނުންވާ އުމްރާނީ ވަސީލަތްތައް ފުރިހަމަކުރަން ބަޔަކާ ހަވާލުކޮށްފައިވެސް ނެތީއެވެ. 

އަޅުގަނޑުމެން ހަވާލުވިއިރު ޓާމިނަލުގެ ގިނަ ތަންތާ ސިމެންތިއެއް ނުޖަހާ، ތަޅުމެއް ނޭޅޭ، ސީލިންއެއް ނޭޅޭ، އެއްވެސް ސިސްޓަމެއް އިންސްޓޯލެއް ނުކުރޭ. މިހެން ގޮސް ބައިވަރު ކަންތައްތަކެއް ހުރި. އޭގެ އިތުރަށް ހެޑް އޮފް ސްޓޭންޑް ރޯޑް ނުވަތަ އޭޕްރަންއާއި ޓާމިނަލް ގުޅުވައިދޭ މައިބަނދަ އެތަންވެސް އޮތީ ނުހެދި. މިދެންނެވި ހެޑް އޮފް ސްޓޭންޑް ދަށުގައި ހުންނާނެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ކޮމިއުނިކޭޝަނާއި މިހުރިހާ އެއްޗެއް،" ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުސް ތޮށިގަނޑެއްގެ ގޮތުގައި އޮތް ޓާމިނަލުގެ ހާލަތު ވަރަށް ތަފުސީލުކޮށް ސިފަކޮށްދެއްވަމުން ޝަރީފު ވިދާޅުވިއެވެ. 

އިތުރަށް ހެޑް އޮފް ސްޓޭންޑު ރޯޑުގެ މުހިއްމުކަން ވިދާޅުވެދެއްވަމުން ޝަރީފު ފާހަގަކުރެއްވީ އެ މަގަކީ ފަސިންޖާ ބަސްތަކާއި، ލަގޭޖު އުފުލާ އުޅަނދުފަހަރާއި، ތެޔޮ ބައުޒަރުތަކާއި އެނޫންވެސް މުހިއްމު ވެހިކަލްތަައް ދަތުރުކުރަން އޮންނަ މަގުކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު މިތަނުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވެސް ނެތެވެ. 

"ހެޑް އޮފް ސްޓޭންޑް ރޯޑު ނުނިމުނުނަމަ ޓާމިނަލް ނިމުނަސް އަދި އަޅުގަނޑުމެންނަށް މިތަން ރަނގަޅަށް ބޭނުންނުކުރެވޭނެ،" ޝަރީފު ވިދާޅުވިއެވެ. 

އިމާރާތުގެ މަސައްކަތް ނިމުނަސް އެތަން ބޭނުންކުރެވޭނީ ކަރަންޓާއި ފެނާއި އެނޫންވެސް ޒަރޫރީ ހިދުމަތްތައް އެތަނަށް ލިބޭނެ ގޮތްތައް ހަމަޖެހިގެންނެވެ. ނަމަވެސް އެ ހިދުމަތްތައް ޓާމިނަލަށް ލިބޭނެ ގޮތްތައްވެސް އޮތީ ފަހިނުކުރެވިއެވެ. ކަރަންޓަށް ބަލާނަމަ ޓާމިނަލަށް ބޭނުންވާ ކަރަންޓުގެ ދެބައިކުޅަ އެއްބައިވެސް އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތެވެ. ކަރަންޓު އުފައްދަން ގެނައި ޖަނަރޭޓަރުތައް ގެނެސްފައި ހުންނަތާ ދުވަސްވެގެން އެތަކެތި އުފެެއްދި ކުންފުނީގެ އެހީގައި އެތަކެތި މަރާމާތުކުރަންޖެހުނެވެ. އަދި އިތުރު ޖަނަރޭޓަރުތައް ގެނެސް ކެޕޭސިޓީ އިތުރުކުރަންޖެހުނެވެ. 

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

ކުރީ ސަރުކާރުން ގެނެސްފައި ހުރި ޖަނަރޭޓަރުތަކުން އުފެއްދެނީ އެންމެ ހަތަރު މެގަވޯޓުގެ ކަރަންޓެވެ. އެ ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ ރަނގަޅަށް ހިޔާވެސްނުވާ ތަނެއްގައެވެ. އެކަން ބަދަލުކޮށް 16 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ގާބިލުކަން ގާއިމުކުރީ މި ސަރުކާރުންނެވެ.

"ފަސިންޖަރުންގެ ފާހާނާ ސިވެރޭޖު މެކޭނިޒަމެއް ނިޒާމެއް ނެތް. އެވެސް އެވޯޑުކޮށްފައި އެއޮތީ ދީފައި. މި ޓާމިނަލަކީ ފެނުން ފިނިކުރާ ނިޒާމެއް ގާއިމުކޮށްފައިވާ ތަނެއް. އެއަށް ބޭނުންވާ ފެން އުފެއްދޭނެ ކެޕޭސިޓީއާއި މިކޮޅަށް ފެން ޑިސްޓްރިބިއުޓް ކުރާނެ ޕައިޕްލައިނެއް ނެތް. މިހުރިހާ ކަމެއްވެސްކޮށްފައި މިހުރީ.،" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވި ގޮތުގައި ޓާމިނަލުގެ އިމާރާތުގެ މަސައްކަތް ނިމުނަސް އެ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުނުކުރެވުނުނަމަ، އެތަން ކޮމިޝަންކޮށް، ހިދުމަތްތައް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޓްރައިލްތައް ފުރިހަމަނުކުރެވުނީހެވެ. 

ޓާމިނަލުގެ އިމާރާތުގައި ނުނިމިހުރި ގިނަ މަސައްކަތްތައް ނިންމުމާއެކު، ޓާމިނަލް އޮޕަރޭޓުކޮށް އެތަނުން ހިދުމަތް ދިނުމަށް ތަނުގައި ފުރިހަމަވާންޖެހޭ ހުރިހާ ވަސީލަަތްތައް ފުރިހަމަކުރީ މި ސަރުކާރުންކަން އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުން ދަނެއެވެ. އެ މަސައްކަތްތައް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވީ އެ މުވައްޒަފުންނެވެ. މަސައްކަތް ކުރެވި ނިމިގެން ދިޔައީ އެ މުވައްޒަފުންގެ ލޯތައް ކުރިމަތީގައެވެ. 

ޓާމިނަލުން އިގުތިސާދުގައި ހަކަތަ އުފައްދައިދޭނެ 

ޓާމިނަލް ހުޅުވުމުން އުފާވަނީ އެ ޓާމިނަަލާއެކު އިގުތިސާދީ ގޮތުން ލިބޭނެ ކުރިއެރުން އިހުސާސްވާތީއެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި އެމްއޭސީއެލްެގެ ޗެއާމަންގެ މަގާމު ދިގު މުއްދަތަކަށް ފުރުއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަށެވެ. އޭނާ ބައެއް މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޓާމިނަލާ އެއާޕޯޓުގައި މިހާރު ތަރައްގީކުރެވިފައިވާ އެހެނިހެން ވަސީލަތްތައް ލާމެހުމުން އިގުތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. 

އުމަރު މަނިކުގެ ވާހަކަފުޅަށް ބާރުލިބޭ އަނެއް ކަމަކީ ރާއްޖެއަށް މިހާރު ދަތުރުކުރާ އެއާލައިންތަކުން ދެކޭ ގޮތެވެ. ރާއްޖޭގެ އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓު މެނޭޖާ މުނާޒު އަލީ ވިދާޅުވެފައިވަނީ އެއާލައިންތަކުން އެންމެ އެދި ތިބި ކަމަކީ ރާއްޖޭގެ އެއާޕޯޓުން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބުން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ އައު ޓާމިނަލާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބިގެންދާނެ ކަމެވެ. 

އެއީ އެހެނިހެން އެއާލައިންތައް ތަމްސީލުކުރައްވާ ބޭފުޅުންވެސް ދެއްކެވި ވާހަކަފުޅެވެ. އެ ހުރިހާ ބޭފުޅުންވެސް ދެކެވަޑައިގަންނަވާ ގޮތުުގައި ޓާމިނަލާއެކު އެ ބޭފުޅުންގެ އެއާލައިންތަކުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބޭނެއެވެ. 

ރާއްޖެ މިހާރު އަމާޒު ހިފާފައި މިއޮތީ ފަތުރުވެރިކަން ސިންދަފާތުކޮށް ރާއްޖެއިން ލިބޭ ތަޖުރިބާތައް އިތުރުކުރުމަށެވެ. ކުޅިވަރާއި ސަގާފަތާއި ކޯޕަރޭޓު ހަރަކާތްތަކުގެ ފަތުރުވެރިކަން ތައާރަފުކުރުމަށެވެ. އައު އީޖާދީ ކޮންސެޕްޓުތަކަށް ތައްޔާރުކުރާ ރިސޯޓުތަކާއި ހޮޓާތައް ބާޒާރަށް ނެރޭށެވެ. ކުރިން މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމުގެ ވަސީލަތްތައް ފުޅާވާ މިންވަރަށް ފަތުރުވެރިން އިތުރުވެގެންދާއިރު އެމީހުންނަށް ހިދުމަތް ދިނުމުގެ ޖާގައާއި ވަސީލަތް ހުރި އެއާޕޯޓެއް ނެތުމެވެ. 

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

އެއާޕޯޓުގައި ތަރައްގީކުރެވިފައިވާ އައު ރަންވޭއާއި ޓާމިނަލް ލާމެހުމުން މުޅިން އައު އެއާލައިންތަކަށް ރާއްޖެއަށް ދަތުރު ފެށޭނެއެވެ. މިހާރު ދަތުރުކުރަ އެއާލައިންތަކަށް ފުލައިޓުތައް އިތުރުކުރެވޭނެއެވެ. ނަތީޖާއަކަަށްވާނީ ފަތުރުވެރިން އިތުރުވުމެވެ. ފަތުރުވެރިކަމުގެ އައު ބާޒާރުތަކަށް ރާއްޖެ ހުޅުވައިލެވިގެންދާއިރު، އިތުރުވާ ފަތުރުވެރިންނަށް އެކަށީގެންވާ ރަނގަޅު ހިދުމަތެއް ރާއްޖެއިން ފޯރުކޮށްދެވުމެވެ. 

މިކަމުގެ ސަބަބުން އިގުތިސާދަށް އަންނާނެ ކުރިއެރުން މާލީ އިދާރާތަކުން އަންދާޒާކޮށްފައިވެއެވެ. ވޯލްޑް ބޭންކުގެ އަންްދާޒާއަކީ މި އަހަރު ޓާމިނަލް ހުޅުވުމާއެކު ފަތުރުވެރިން އިތުރުވެ ރާއްޖޭގެ އިގުތިސާދު 5.7 އިންސައްތައިން ކުރިއެރުމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ޓާމިނަލްއާއި އެއާޕޯޓުގެ ކުރިއެރުމުގެ ސަބަބުން އިގުތިސާދު މަޑުނުޖެހި ކުރިއަރަމުންދިއުމެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގެން 2024 ވަނަ އަހަރު ވީއައިއޭގެ ޓާމިނަލް މަސައްކަތް ހަލުއިކުރެއްވުމަށް އިތުރު 157 މިލިއަން ޑޮލަރު ހޯއްދަވައިގެން މަޑުޖެހިފައި އޮތް މަޝްރޫއުގެ ދުވެލި އަވަސްކުރައްވައި، މި އަހަރުގެ މިނިވަންދުވަހުގެ ކުރިން މަސައްކަތް ނިމުމަކަަށް ގެނެސްދެއްވީ މި ހަގީގަތް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީއެވެ. ރާއްޖޭގެ އިގުތިސާދުގެ ދުވެލި އިތުރަށް ހަލުއިކުރެވެން އޮތީ ޓާމިނަލުގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނެވިގެންކަން ގަބޫލުކުރައްވާތީއެވެ. 

ކިޔުންތެރިންގެ ހިޔާލު