ENGLISH
10 ސެޕްޓެމްބަރު 2025
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކަށް ތައްޔާރު: ރައީސް ޑިސަނަޔަކެ
28 ޖުލައި 2025
|
ރައީސް ޑިސަނަޔަކެއާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކަށް ތައްޔާރަށް ހުންނެވިކަމަށް، ފުރަމާނަ ދަރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންނެވި އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމަރަ ޑިސަނަޔަކެ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެންނެވި ޑިސަނަޔަކެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުޢިއްޒާއި ރާއްޖޭގެ އެހެން ލީޑަރުންނާއެކު ލަންކާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މާނަހުރި މަޝްވަރާތަކެއް ކުރައްވަން ތައްޔާރުވެވަޑައިގެންފައިވާ ކަމަށެވެ.
އޭގެ އިތުރަށް ޑިސަނަޔަކެ ވިދާޅުވީ ރާއްޖެއާއި ލަންކާގެ މެދުގައި އެއްބާރުލުން ދީ އެކުގައި މަސައްކަތްކުރުން އިތުރުކުރުމަށް ގިނަ އެމްއޯޔޫތަކެއްގައި މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވިގެންދާނެ ކަމަށެވެ.
ޑިސަނަޔަކަގެ މި ދަތުރުފުޅަކީ ރައީސް ޑރ.މުޢިއްޒު ދެއްވި ދައުވަތުފުޅަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ލަންކަގެ ރައީސްކަމާ 2024 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކަ ރާއްޖެއަށް ވަޑައިގެންފައިނުވެއެވެ. މިއީ އެ މަގާމުގައި ހުންނަވައިގެން އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުކުރައްވާނީ 28 ޖުލައިއިން މި މަހުގެ 30 ވަނަަ ދުވަހަށެވެ. މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާމެދު ރަސްމީކޮށް މަޝްވަރާކުރައްވާނެއެވެ.
ތާރީހީ ގޮތުން ލަންކާއަކީ ރާއްޖެއާ އެންމެ ދުވަސްވީ ގުޅުމެއް އޮންނަ ގައުމެވެ. އެންމެ އެވޭލާ ޒަމާނުގައިވެސް ރާއްޖެއާއި ލަންކާގެ މެދުގައި ސަގާފީ އަދި ވިޔަފާރީގެ ގުޅުންތައް އޮވެއެވެ. ދިވެހިންނާއި ލަންކާ މީހުންނާމެދު މުއާމަލާތްނުކުރެވޭ ޒަމާނެއް ދިވެހި ތާރީހުގައި ރެކޯޑުކުރެވިފައި ނުވެއެވެ.
1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ލަންކާއިން ރާއްޖެ ބަލައިގަނެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިއެވެ. އެހެންކަމުން މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނުއިރު ލަންކާއާއި ރާއްޖޭގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރިއްޖެއެވެ.
ލަންކާގެ ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިއިރު މި މަހުގެ 25 އަދި 26 ވަނަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން އުޅުއްވިއެވެ.