ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އައު ޓާމިނަލް ހުޅުވުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ފާހަގަކޮށްފި

28 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯ އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ފައިސާގެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން އެ ޓާމިނަލް ހުޅުވުން ފާހަގަކޮށްފިއެވެ. 

އެ ފަންޑުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައިވަނީ ޓާމިނަލް ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތާއި ޓާމިނަލްގެ އެތެރޭގެ މަންޒަރުތައް ފެންނަ ވީޑިޔޯއެއް ހިއްސާކޮށްފައެވެ. އެއާއެކު އެ ފަންޑުން ބުނެފައިވަނީ މި ޓާމިނަލަކީ ތަރައްގީގެ މުހިއްމު މަގުފާހަގައެއް ކަމަށެވެ. އަދި ޓާމިނަލާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ކުރިއެރުން އެ ފަންޑުން ފާހަގަކުރިއެވެ. 

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނިޝާން މުލީގޭ ޝަރަފުގެ އިއްޒްތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މުރުޝިދާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

މި މަޝްރޫއަށް އެއް ފަންޑަކުން އެންމެ ގިނަ ފައިސާ ފޯރުކޮށްދިނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުންނެވެ. އެގޮތުން އެ ފަންޑުންވަނީ ޖުމްލަ 217 މިލިއަން އެމެރިކާ ޑޮލަރު ލޯނުގެ ގޮތުގައި ދީފައެވެ. އެ ފައިސާ ހަމަަޖައްސައިދީފައިވަނީ ދިގު މުއްދަތުން އަނބުރާ ދައްކާ ގޮތަށް ވަރަށް ކުޑަ އިންޓަރެސްޓުގައެވެ. 

މި މަޝްރޫއުގެ މަސައްކަތް ފެށިއިރު 2016 ވަނަ އަހަރު އެ ފަންޑުން 100 މިލިއަން ޑޮލަރު ހަމަޖައްސައިދިނެވެ. އޭގެ ފަހުން 2024 ވަނަ އަހަރު އިތުރު 117 މިލިއަން ޑޮލަރު އެ ފަންޑުންވަނީ ފޯރުކޮށްދީފައެވެ. އެހެންކަމުން ޖުމްލަ 217 މިލިއަން ޑޮލަރު އެ ފަންޑުން މި މަޝްރޫއަށް ހަމަޖައްސައިދިނެެވެ. 

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އިތުރަށް ކުވައިތު ފަންޑާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި އޯޕެކް ފަންޑުން މި މަޝްރޫއު ހިންގުމަށް ފައިސާ ހަމަޖައްސައިދީފައިވެއެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތައް ތަރައްގީކުރުމަށް 2016 ވަނަ އަހަރު ފެށުނު މަޝްރޫއުގެ އެންމެ މުހިއްމު ބައެވެ. 

ޓާމިނަލުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމުގައިވާ ބިން ލާދިން ގުރޫޕާއެވެ. 

ނުވަ އަހަރަށްފަހު މި އަހަރުގެ މިނިވަންދުވަހު އެ ޓާމިނަލް ހުޅުވިފައިވާއިރު، އިއްޔެ ޓާމިނަލުން ފުރަތަމަ ފަހަރަށް މަތިންދާބޯޓަކަަށް ހިދުމަތް ދީފައިވެއެވެ. ފުރަތަމަ ޓާމިނަލުން މަރުހަބާ ކިޔާފައިވަނީ އިއްޔެ މެންދުރުފަހު ގައުމީ އެއާލައިންގެ ވައިޑް ބޮޑީ މަތިންދާބޯޓުގައި ކޮޗިންއިން ރާއްޖެއަށް އައި ފަސިންޖަރުންނަށެވެ. 

ކިޔުންތެރިންގެ ހިޔާލު