ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ވައުދުފުޅަަކަށްފަހު ވައުދުފުޅެއް؛ ބ.އަތޮޅުގައިވެސް އާރްޓީއެލް ފެރީ ހިދުމަތް ފަށަައިފި

28 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އާރްޓީއެލް ފެރީ ހިދުމަތް ފެށުމުގެ މަސައްކަތުގެ ތެރެއިން، ބ.އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް މިއަދު ފަށައިފިއެވެ. 

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ހިދުމަތް ފަށްޓަވާނެކަން އިއުލާނުކުރައްވާފައެވެ. އަދި އެންމެ ފުރަތަމަ ހިދުމަތް ފެށޭނީ ރ.އަތޮޅުގައި ކަމަށާއި، އެއަށްފަހު ބ.އަތޮޅުގައި ހިދުމަތް ފެށިގެންދާނެ ކަމުގައި އެ ދުވަހު އެމަނިކުފާނު ވިދާޅުވިއެވެ. 

"މީގެ އިރުތުން، ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ މަަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަަތު. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ދޭން ފަށާނެ. މިގޮތުން، ދެންމެ އެންމެ ފުރަތަމަ އާރްޓީއެލް ހިދުމަތް ފެށޭނީ ރ.އަތޮޅުގައި. އެއީ މި އަހަރުގެ ޖޫން މަހު. ހަމަ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޖުލައި މަހުގެ ތެރޭގައި. ބ.އަތޮޅުގައި ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ. 

އޭގެ ކުރިން ރައީސް މި އަހަރުގެ ޖަނަވަރީ މަހު ރ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ އުނގޫފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޖޫން މަހު ރ. އަތޮޅުގައި އަދި ޖުލައި މަހު ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށޭނެކަމަށް ވިދާޅުވެފައިވެއެވެ. 

ފާއިތުވި ޖޫން މަހުގެ 26 ވަނަ ދުވަހު ރ.އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށިއެވެ. އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފެށިފައިވާ ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ޖުލައި މަސް ނިމުމުގެ ކުރިން ބ.އަތޮޅުގައި ފެރީ ހިދުމަތް ފައްޓަވަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މިއަދު ބ.އަތޮޅުގައި އާރްޓީއެލް ހިދުމަތްވަނީ ފެށިފައެވެ. ހިދުމަތް ފެށުމުގެ މުނާސަބަތުގައި މިއަދުން ފެށިގެން އޯގަސްޓު ތިންވަނަ ދުވަހުގެ ނިޔަލަށް އެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމުގެ ގޮތުން އެ އަތޮޅުގައި ހިލޭ ފެރީ ދަތުރުކުރެވޭނެއެވެ. 

އޯގަސްޓު ހަތަރުވަނަ ދުވަހުން ފެށިގެން ފެރީ ދަތުރުތައް ކުރަންޖެހޭނީ ޓިކެޓު ނަގައިގެންނެވެ. އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެއެވެ. 

ބ.އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށުމާއެކު، އާރްޓީއެލްގެ ދެވަނަ ޒޯނުގައި ހުރިހާ އަތޮޅެއްގައި އާރްޓީއެލް ހިދުމަތް ތައާރަފުކޮށް ނިމުނީއެވެ. ދެން އޮންނާނީ އެ ޒޯނުގައި ހިމެނޭ ޅ.އަތޮޅާއި،ނ.އަތޮޅާއި، ރ.އަތޮޅާއި ބ.އަތޮޅު ފެރީގެ ނިޒާމުން ގުޅައިލުމެވެ. 

މި ހިދުމަތް ބ.އަތޮޅަށް ފުޅާކުރެވުމާއެކު މިހާރު 11 އަތޮޅެއްގައި ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބާކީ ހުރި އަތޮޅުތަކަށް އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް އެ ހިދުމަތް ފުޅާކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް އަަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު