ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް، މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ

28 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ލަންކާގެ ރައީސަށް އެއާޕޯޓުން މަރުހަބާ ވިދާޅުވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ލަންކާގެ ރައީސް އަނޫރާ ކުމަރަ ޑިސަނަޔަކަ މިއަދު ހެނދުނު ރާައްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. 

ޑިސަނަޔަކަގެ މި ދަތުރުފުޅަކީ ރައީސް ޑރ.މުޢިއްޒު ދެއްވި ދައުވަތުފުޅަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ލަންކަގެ ރައީސްކަމާ 2024 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކަ ރާއްޖެއަށް ވަޑައިގެންފައިނުވެއެވެ. މިއީ އެ މަގާމުގައި ހުންނަވައިގެން އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

މި ދަތުރުފުޅުކުރައްވާނީ 28 ޖުލައިއިން މި މަހުގެ 30 ވަނަަ ދުވަހަށެވެ. މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާމެދު ރަސްމީކޮށް  މަޝްވަރާކުރައްވާނެއެވެ.

ތާރީހީ ގޮތުން ލަންކާއަކީ ރާއްޖެއާ އެންމެ ދުވަސްވީ ގުޅުމެއް އޮންނަ ގައުމެވެ. އެންމެ އެވޭލާ ޒަމާނުގައިވެސް ރާއްޖެއާއި ލަންކާގެ މެދުގައި ސަގާފީ އަދި ވިޔަފާރީގެ ގުޅުންތައް އޮވެއެވެ. ދިވެހިންނާއި ލަންކާ މީހުންނާމެދު މުއާމަލާތްނުކުރެވޭ ޒަމާނެއް ދިވެހި ތާރީހުގައި ރެކޯޑުކުރެވިފައި ނުވެއެވެ. 

ލަންކާގެ ރައީސަށް އެއާޕޯޓުން މަރުހަބާ ވިދާޅުވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ލަންކާއިން ރާއްޖެ ބަލައިގަނެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިއެވެ. އެހެންކަމުން މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނުއިރު ލަންކާއާއި ރާއްޖޭގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރިއްޖެއެވެ.  

ލަންކާގެ ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިއިރު މި މަހުގެ 25 އަދި 26 ވަނަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން އުޅުއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު