ENGLISH
10 ސެޕްޓެމްބަރު 2025
ސޯބިރު އަވަހާރަވެއްޖެ، ހިދުމަތަށް ތާރީފުކުރެއްވުމާއެކު ރައީސްގެ ތައުޒިޔާ
28 ޖުލައި 2025
|
ކުރީގެ މިނިސްޓަރ ހަސަން ސޯބިރު މިއަދުވަނީ އަވަހާރަވެފައި
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔަ ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން އޭނާގެ ހިދުމަތުގެ އަގުވަޒަަންކުރެއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއިލާއަށް ތަައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯބިރު ގައުމަށް ކޮށްދެއްވި ހިދުމަތްތަަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވަ ނިޝާން އިއްޒުއްދީނުގެ އިއްޒަަތުގެ ވެރިކަމުގެ ލަގަބު އޭނާއަށް އެރުވީ ޖުލައި 27 ވަނަ ދުވަހު ބޭއްވި މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ސޯބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި ސޯބިރު އަވަހާރަވި ހަބަރު އެއްސެވީ ވަރަަށް ފުން ހިތާމަައާއެކު ކަމަށްވެސް ރަައީސް ވިދާޅުވިއެވެ.
ސޯބިރުގެ ހިދުމަތުގެ ތާރީހަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އޭނާއަކީ ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމަށް ވަރަށް ބިނާކުރަނަވި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ވަޒީރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު އޭނަ ހިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ސޯބިރަކީ ދިވެހިރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅި ސަފީރުކަމުގައި ހުންނަވައިގެން ރާއްޖެއާއި އެހެނިހެން ގައުމުތަކާދެމެދު އޮންނަ ހާރިޖީ ގުޅުންތައް ބަދަހިކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޑިޕްލޮމެޓެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވަައިލެއްވީ ސޯބިރަށް ސުވަރުގޭގެ ދާއިމީ ނިއުމަށް މިންވަރުކުރައްވއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވަމުންނެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމަށް ސޯބިރު ފެއްޓެވީ ފެބްރުއަރީ، 7، 1973 ގައެވެ. ސޯބިރުގެ ހިދުމަތުގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ ނޭޝަނަލް ޕެލޭނިން އެޖެންސީގައި ކުރެއްވި ހިދުމަތެވެ. ނޭޝަނަލް ޕްލޭނިން އެޖެންސީ އުވައިލައްވައި 1982 ނޮވެންބަރު 10 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓު އުފެއްދެވުމާ ގުޅިގެން އެ މިނިސްޓްރީގެ ތަފާތު މަގާމުތައް އޭނާ އަދާކުރެއްވިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްލަގައްޔޫމުގެ ހަތަރުވަނަ ދައުރުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ސޯބިރު ކުރެއްވިއެވެ. އެގޮތުން މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަންކުރެއްވި ހަސަން ސޯބިރުވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކުރިއެރުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ.
އަދި ރައީސް މައުމޫނުގެ ފަސްވަނަ ދައުރުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ ދާއިރާއިންވެސް އަގުހުރި ގިނަ ހިދުމަތްތަކެއް އޭނާ ކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމަށްފަހު، ހާރިޖީ ދާއިރާއާ ގުޅިވަޑައިގެން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމާއި، ޔޫރަޕިއަން ޔޫނިއަނަަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަަފީރުކަން އޭނާ ކުރެއްވިއެވެ. އަދި ސޯބިރު އަވަހާރަވިއިރު އޭނާ ހުންނެވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައ ހުންނަވާ ސަފީރުގެ މަގާމުގައެވެ.
ސޯބިރު ދިވެހި ދައުލަތަށް ހިދުމަތްކުރައްވަން ފެއްޓެވި ދުވަހުން ފެށިގެން މިހާތަނަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވެއެވެ.