ENGLISH
27 ޖުލައި 2025
އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހެދުން: ޢިލްމުވެރީންގެ ތަޢުރީފު
27 ޖުލައި 2025
|
ދީނީ ބައެއް ޢިލްމުވެރީން: އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖެއްސުމުން ތަޢުރީފު ކުރެއްވި --
ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން އެ ނިންމުމަށް ދީނީ ޢިލްމުވެރީން ތަޢުރީފު ކުރައްވައިފި އެވެ.
އެ ގޮތުން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން އެގޮތަށް ވަނީ އަމަލު ކުރަން ފަށާފަ އެވެ. އެ ނިންމުން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
އެ ނިންމުމާއި ގުޅިގެން ޖަމިޢްޔަތުއް ސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިޢްޔާގެ ނާއިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒު ހަމަޖެއްސެވުމީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ދެކޭ ކަމަށެވެ. އެކަމަށް ޝުކުރުވެސް އަދާކުރެއްވި އެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވެސް ވަނީ އެ ނިންމެވުމަށް ތަޢުރީފު ކުރައްވާފަ އެވެ. ވިދާޅުވީ އެއީ ތާރީޚީ އެހާމެ ހެޔޮ ފާލެއް ކަމަށެވެ.
"ވަރަށް ބޮޑަށް އުންމީދުކުރި ކަމެއް މިވީ. މިކަން ހަޤީޤަތަކަށް ހެއްދުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ފާހަގަކޮށް މަނިކުފާނަށް ޝުކުރު ދަންނަވަން," އަލީ ޒާހިރު ވިދާޅުވި އެވެ.
އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވި ގޮތުގައި މިއީ ނަމޫނާ ފިޔަވަޅެކެވެ.
"ބަންގިއަކީ އަޅުގަނޑުމެންގެ ހިތުގެ ވިންދު. މީގެ ސަބަބުން ބަންގީގެ އަޑު އިވިފައިނުވާ އެތައް ޣައިރު މުސްލިމުންނަކަށް އިސްލާމީ ނިދާގެ އަޑު އިވިގެންދާނެ. މީޒާނުގެ ހެޔޮ ފަތަށް އިތުރުވެގެންދާނެ މަތިވެރި ޢަމަލެއް," ޝައިހް ޒަމްޒަމް ވިދާޅުވި އެވެ.
ދީނީ ޢިލްމުވެރިޔާ އައްޝައިހް ޝަފީޢު އަބްދުﷲ ވިދާޅުވީ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖެއްސުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ ރޭ އޮތް ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ޓާމިނަލް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ދިވެހި އިޤްތިސާދަށް ބޮޑު ބަދަލެއް ގެނައުވާނެ އާ ޓާމިނަލް އަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ވަރަށް ފެންވަރު ރަނގަޅު އެހާމެ ހިތްގައިމު ޓާމިނަލެކެވެ.