ENGLISH
27 ޖުލައި 2025
އުފާވެރި ޚަބަރެެއް: އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވާނެ، ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ހުޅުވާނެ
27 ޖުލައި 2025
|
ރައީސް ހުޅުމާލެ ހޮސްޕިޓަލްގައި -- ފައިލް ފޮޓޯ
އަންނަ މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރަ ޤާއިމުކޮށް ހިލޭ އައިނު ހެދުމުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި ގޮތަށް އައިޖީއެމްއެޗް ގައި މިއަދު ވަނީ އައިނު ފިހާރަ ހުޅުވައިފަ އެވެ. އެމްސީޖީއެޗް އޮޕްޓިކަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިއަދު ހަވީރު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައިޖީއެމްއެޗުން މިއަދުން ފެށިގެން ހިލޭ އައިނު ހެއްދޭނެ ކަމަށެވެ. މީގެ އިތުރުން ވެސް އެހެން ގިނަ ޚިދުމަތްތަކެއް ލިބޭނެ އެވެ.
* ލޮލުގެ ސްކްރީނިން
* ލެންސްގެ ޚިދުމަތް
* އައިނު ހެއްދުން
* ގްލޮކޮމާ ފަދަ ބަލިތަކަށް ސްކްރީންކުރުން
އެމްސީޖީއެޗް އޮޕްޓިކަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގައި ވެސް އަންނަ މަހުގެ ތެރޭގައި އައިނު ފިހާރަ ހުޅުވާ ޙިދުމަތް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ފަހުން ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ފައްޓަވާނެ ކަމަށެވެ.
އެއާއެކު މި ހުރިހާ ހޮސްޕިޓަލްތަކުން ވެސް އާސަންދައިން ކަވަރކުރާ 2000 ރުފިޔާގެ ތެރެއިން ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަަމަށް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޙަލީމް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ދޮޅު އަހަރަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަރަށް ކާމިޔާބު ދޮޅު އަހަރެވެ.
އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ ތަަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
* އައިޖީއެމްއެޗްގައި ކުޑަކުދީންގެ އީއާރެއް ޤާއިމުކުރުން
* އައިޖީއެމްއެޗްގައި މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ޤާއިމުކުރުން
* އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުން
* ނެޝަނަލް ފާޓިލިޓީ ސެންޓަރު ޤާއިމުކުރުން
* ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ލެވެލްއަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް
* ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި އާ އައިސީޔޫއެއް ޤާއިމުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި އާ އެންއައިސީޔޫއެއް ޤާއިމުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި ހަތަރު އޮޕަރޭޝަން ތިއޭޓަރ ކޮންޕްލެކްސްއެއް ޤާއިމުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގެ އީއާރު ދެ ގުނަ ބޮޑުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި އާ ޑަޔަލިސިސް ސެންޓަރު ހުޅުވުން
މި ނޫން ވެސް މުހިންމު އެތައް ޚިދުމަތަކާއި މުހިންމު ބަދަލުތަކެއް ގެންނަވާފައިވާކަން ވެސް ޙަލީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.