ENGLISH

27 ޖުލައި 2025

Advertisement

ރައީސްގެ ވައުދުފުޅު ފުއްދަވައިފި؛ ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓަށް ޖާގަ ތަނަވަސް އިމާރާތެއް

27 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލް ކޯޓުގެ ތެރެއަށް ފެން ވެހި، ތަނުގެ ވަސީލަތްތައް ހަލާކުވެ، ބޭނުންނުކުރެވޭ މިންވަރަށް ތަން ހަލާކުވިތާ އެތައް ދުވަހެއް ވެއްޖެއެވެ. ކުރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތަކީ ބައުވެ، ތަނބުތަކާއި ޝީޓުތަކުގައި ރެނދުލާފައި ހުރި އިމާރާތެކެވެ. އިމާރާތުގެ ބައިތައް ހަލާކުވެގެން އެތެރެއަށް ވެއްޓެވެ. މަގު މައްޗަށް ބޭރަށްވެސް ވެއްޓެއެވެ. ސަރުކާރުތައް ދިޔައީ ބަދަލުވަމުންނެވެ. އެކަން ހައްލުކުރުމަށް އެޅުނު ފިޔަވަޅެއް ކުރެވުނު ކަމެއް ފެންނަން ނެތެވެ. 

މިހެން ހާލަތު އޮވެ، ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް ބަދަލުވަމުން ގޮސް 2023 ގައި އެ އިމާރާތުގެ އެތެރެއަށް ފެން ވެހި، އިމާރާތުގައި ހުރި މުހިއްމު އެތައް ވަސީލަތެއް ހަލާކުވިއެވެ. އެއިރު އިމާރާތް ހުރި ހާލަތުން މުވައްޒަފުން ތިބެނީ އަބަދު ބިރުވެރިކަމެއްގައެވެ. ބެރިއެއް ނުވަތަ ޝީޓުން ބައެއް ވެއްޓޭނެ އިރެއް، ތަނެއް ނޭނގޭތީއެވެ. 

އެންމެ ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ އިންސްޕެކްޝަަނެއް ހެދިއެވެ. އެ އިންސްޕެކްޝަނަށްފަހު ހައުސިން މިނިސްޓްރީގެ އިންޖިނިއަރުން ނިންމީ އެ އިމާރާތް ހުރީ ބޭނުންކުރެވޭ މިންވަރަށްވުރެ ބަލިކަށި ހާލަތުގައި ކަމަށެވެ. އިމާރާތުގައި މުވައްޒަފުން ތިބެ، ކޯޓު ހިންގަމުންދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. 

އެ ހިސާބުން މަޖުބޫރުވީ ކޯޓު ހިންގަމުން އައި އިމާރާތް ދޫކޮށްލާށެވެ. ވަގުތީ ގޮތުން ކޯޓު ހިންގާނެ ތަނެއް ހޯދަންޖެހުނެވެ. އެއިރުގެ ސަރުކާރުން އެ މަސައްކަތް ފެށި ނަމަވެސް ވެރިކަން ބަދަލުވިއިރު އެކަން އޮތީ ނުކުރެވިއެވެ. އެންމެ ފަހުން ހުޅުމާލޭގައި ކުރިން މެޖިސްޓްރޭޓު ކޯޓު ހިންގަމުން އައި އިމާރާތުގައި ކުރިމިނަލް ކޯޓު ހިންގާނެ ޖާގަ ގާއިމުކޮށްދެއްވިއެވެ. 

ވަގުތީ ގޮތުން ކޯޓު ހިންގާނެ ތަނެއް ލިބުނު ނަމަވެސް ޖާގައިގެ ދަތިކަން އޮތީ އިންތިހާއަށެވެ. މައްސަލަތައް ތާވަލުކުރަންޖެހުނީ ބަހާލައިގެންނެވެ. ނަތީޖާއަކީ މީހުންގެ އެންމެ ހައްސާސް ހައްގުތާ ގުޅިފައިވާ ޖިނާއީ މައްސަލަތައް މަޑުޖެހުމެވެ. ޝަރީއަތްތައް ދިގުލައިގެންގޮސް މުއްތަހަމުންނާއި މުޖުތަމައުގެ ހައްގުވެސް ގެއްލިގެންދިއުމެވެ. 

އެގޮތަށް އެ މައްސަލަަ ދޫކޮށްލައްވަން ބޭނުންފުޅުނުވެ، އެކަން ހައްލުކުރެއްވުމަށް އަތުކުރި އޮޅައިލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. މި އަހަރު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިތުރަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި އޮތް ޑްރަގު ކޯޓުގެ ހިންގުން ޖާގަ ތަނަވަސް އިމާރާތަކަށް ވަގުތީ ގޮތުން ބަދަލުކުރައްވާނެ ކަމެވެ. އެއީ ދަށު މަރުހަލާގެ ހުރިހާ ކޯޓުތަކަށް ހާއްސަ ސުޕީރިއާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ނިމެންދެން އެ ދެ ކޯޓު ހިންގާނެ އިމާރާތެކެވެ. ރައީސްވަނީ އެކަން ކުރައްވާނެ މުހުލަތެއްވެސް ދެއްވާފައެވެ. 

"މިގޮތުން ސުޕީރިއާ ކޯޓު ކޮމްޕްލެކްސް މި އަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓު އަދި ޑްރަގު ކޯޓު ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަށް ދެކެން. އެ މަސައްކަތް ބާރު ސްޕީޑުގައި އެދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އޯގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ،" ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ވާހަކަފުޅުން ސާފުވި ކަމަކީ މި ދެކޯޓު ހިންގާނެ އިމާރާތެއް ނެތި ޖާގައިގެ ދަތިކަމުގައި ކޯޓުގައި ހިނގާ މައްސަލަތައް ތާށިވުމުން ކުރިމަތިވާ މައްސަލަތަކުގެ ބޮޑުކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. ކޯޓު ހިންގާނެ އިމާރާތެއް ނެތުމުން، ފަރުދުންގެ ހައްގުތައް ގެއްލި، މައްސަލައެއްގެ ތުހުމަތުގައި ބަންދުވާ މީހާ ބަންދުގައި އެތައް ޒަމާނެއް ހޭދަކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖާގަ ތަނަވަސް އިމާރާތަކަށް ކޯޓު ބަދަލުކުރެވުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތަށް ކުރިއެރުންތަކެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. 

"ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ. އަދި އޭގެ އިތުރު ނަތީޖާއެއްގެ ގޮތުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވިއެވެ. 

ޖިނާއީ އަދުލުގެ ނިޒާމުގައި ފަރުދުންގެ ހައްގުތައް ތާށިވެ، އިންސާފަށް ވާސިލުވުމުގެ ރާސްތާ ދިގުލައިގެން ގޮސް ދިރިއުޅުން ބަރުބާދުވާ ހާލަތު ކުރިމަތިވަނީ މައްސަލަތައް ކުރިއަށްގެންދާނެ ފަހި މާހައުލު ނެތިގެންނެވެ. އެކަމުގެ ތުރާލާއި ވޭން އިހުސާސްކުރާ ދިވެހިންގެ އުދާހުގެ އަޑުއައްސަވައި ރައީސް އެކަމަށް ތަސައްލީއެއް ހޯއްދެވުމަށް ފިޔަވަޅެއް އެޅުއްވީއެވެ. މިއީ އެއް ފިޔަވަޅެވެ. މި މަގުގައި އަޅުއްވަަންޖެހޭ އެހެނިހެން ފިޔަވަޅުތައްވެސް އަޅުއްވާނީ ރައީސް ޑރ.މުޢިއްޒެވެ. އަމަލުފުޅުން ސާބިތުކޮށްދެއްވަނީ އެކަމެވެ. 

ކިޔުންތެރިންގެ ހިޔާލު