ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ޚާއްސަ ޖަސްޓިސް ބިލްޑިންގ އެނެކްސް ރައީސް ހުޅުއްވައިދެއްވައިފި

27 ޖުލައި 2025

|

އަޙުމަދު ޙަމީދު

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ޚާއްސަ ޖަސްޓިސް ބިލްޑިންގ އެނެކްސް ރައީސް ހުޅުއްވައިދެއްވުން --

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ޚާއްސަކޮށް އިމާރާތް ކޮށްފައިވާ ޖަސްޓިސް ބިލްޑިންގ އެނެކްސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ހުޅުމާލެ ފޭސް އެކެއް ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީން ވާންހެން އިމާރާތްކޮށްފައިވާ ޖަސްޓިސް ބިލްޑިންގ އެނެކްސް އަކީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއްް ހޯދުމުގެ ގޮތުން މި ސަރުކާރުން ހިންގި މަޝްރޫޢު އެކެވެ.

މިއަދު ހުޅުވި ޖަސްޓިސް ބިލްޑިންގ އެނެކްސްއާއެކު މި ދެ ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބި ދެ ކޯޓްގެ ޝަރީޢަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

މި އިމާރާތުގައި 15 ކޯޓް ރޫމް ހިމެނެ އެވެ. އަދި ގާޒީންނަށް ޚާއްސަ 17 ރޫމް ހިމެނެ އެވެ. މީގެ އިތުރުން ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނަށް ޚާއްސަ ރޫމްތަކެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ދާދި ފަހަކާ ޖެހެންދެން ކްރިމިނަލް ކޯޓް ހިންގީ ބާޒާރުމަތީ އެ ކޯޓަށް ޚާއްސަކުރި ހަތަރުބުރީގެ އިމާރާތެއްގަ އެވެ. ނަމަވެސް އެއީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެކެވެ. ވިއްސާރަވެހޭ ދުވަސްތަކުގައި މުޅި އިމާރާތަށް ވާރޭވެހެ އެވެ. އެ އިމާރާތް ހުސްކުރަން ޖެހުނީ އިމާރާތުގައި ރެނދުއަޅާ ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ކަނޑައެޅުމުންނެވެ.

އެ ނިންމުމާއެކު 2023 ވަނަ އަހަރު އެ އިމާރާތް ހުސްކުރި އެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓް ހިންގީ ވަރަށް ދަތީގައެވެ. މުވައްޒިފުން މަސައްކަތް ކުރަމުން ދިޔައީ ޝިފްޓް ޑިއުޓީ އުސޫލުން އަދި ބައެއް މުވައްޒިފުން ގޭގައި ތިބެގެންނެވެ.

ހުޅުމާލެގައި ޖަސްޓިސް ބިލްޑިންގ އެނެކްސް އިމާރާތް އަޅާ މި އަހަރުގެ އޮގަސްޓް މަހުގެ ކުރީން އެތަން ހުޅުވާ ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި އިޢުލާނު ކުރައްވާފަ އެވެ.

ޖަސްޓިސް ބިލްޑިންގ އެނެކްސް މި ހުޅުވުނީ ކޯޓްތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް 1992 ނޮވެންބަރު 2 ގައި ޖަސްޓިސް ބިލްޑިންގ މާލޭގައި ހުޅުވިތާ 33 އަހަރު ފަހުންނެވެ. މިއީ ކޯޓް އިމާރާތަކަށް މި ފަހުން ކުރި އެންމެ ބޮޑު ހޭދަ އެވެ.

ކިޔުންތެރިންގެ ހިޔާލު