ENGLISH
27 ޖުލައި 2025
ރައީސް ވިދާޅުވިގޮތަށް، އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ފަށައިފި
27 ޖުލައި 2025
|
ސަރުކާރުގެ ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއެކު، އައިޖީއެމްއެޗްގައި ތަރައްޤީކުރި އައިނު ފިހާރަ މިއަދު ހުޅުވައި ޚިދުމަތް ފަށައިފިއެވެ.
އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދު ހަވީރު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައިޖީއެމްއެޗުން މިއަދުން ފެށިގެން ހިލޭ އައިނު ހެއްދޭނެ ކަމަށެވެ. މީގެ އިތުރުން ވެސް އެހެން ގިނަ ޚިދުމަތްތަކެއް ލިބޭނެ އެވެ.
* ލޮލުގެ ސްކްރީނިން
* ލެންސްގެ ޚިދުމަތް
* އައިނު ހެއްދުން
* ގްލޮކޮމާ ފަދަ ބަލިތަކަށް ސްކްރީންކުރުން
ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. ރައީސް އެގޮތަށް ނިންމެވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ނިންމެވުމަށް ފަހު، މެއި 31 ވަނަ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވަރަށް އަވަހަށް އައިޖީއެމްއެޗްގައި އެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެދުވަހު ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވީ، އައިނު ހެއްދުމުގައި އޮތް ނާޖައިޒު ފައިދާ ކުޑަކޮށް ރައްޔިތުންނަށް އެކަމުގެ ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލްތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމުން ޕްރައިވެޓް ވިޔަފާރިތަކުގެ ޚިދުމަތް ރަނގަޅުވެގެން ދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް އައިޖީއެމްއެޗްގައި އައިނު ފިހާރައިގެ ޚިދުމަތް ފެށުމުން، އާސަންދައިގެ ދަށުން މިހާރު އެ ހޮސްޕިޓަލުން ހެޔޮ އަގުގައި އައިނު ހެއްދުމުގެ ޚިދުމަތް ލިބޭނެއެވެ.