ENGLISH

27 ޖުލައި 2025

Advertisement

އައު ޓާމިނަލުން ފުރަތަމަ ހިދުމަތްދޭނީ ގައުމީ އެއާލައިނުގެ މަތިންދާބޯޓުގައި އަންނަ ފަސިންޖަރުންނަށް

27 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ދިވެހި ހެދުމުގައި މޯލްޑިވިއަންގެ ކުރޫއިން، ފޮޓޯ: މޯލްޑިވިއަން

ރޭ ހުޅުވުނު ވެލާނާ ބައިނަލްއަގުވާމީ ބަނދަރުގެ ފަސިންޖާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މިއަދު މެންދުރުފަހު ރާއްޖެއަށް އަންނަ ގައުމީ އެއާލައިންގެ މަތިންދާބޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަަށް ގައުމީ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. 

ގައުމީ އެއާލައިނުން މައުލޫމާތު ދިން ގޮތުގައި މިއަދު ވީއައިއޭގެ އައު ޓާމިނަލުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ވައިޑް ބޮޑީ އެއާކްރާފްޓު އޭ 330 އިން ދަތުރުކުރާ ފަސިންޖަރުންނަށެވެ. ވީއައި ޓާމިނަލްގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުންނަކީ މިއަދު ކޮޗިންއިން ގައުމީ އެއާލައިންގައި އަންނަ ފަސިންޖަރުންނެވެ. 

ދިގު އިންތިޒާރަކަށްފަހު ރޭ ހުޅުވި ޓާމިނަލުގެ އެއޮރޯ ބްރިޖާ ކައިރިކުރާ ފުރަތަމަ ފުލައިޓުގެ ކެބިން ކުރޫން ތިބީ ގައުމީ ހެދުން އަޅައިގެންނެވެ. މި ފުލައިޓު ވީއައިއޭއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 14:00 ގައި ކަމަަށްވެސް ގައުމީ އެއާލައިނުން ބުނެފައިވެއެވެ. 

މި ފުލައިޓަށްފަހު ގައުމީ އެއާލައިނުގެ ހުރިހާ މަތިންދާބޯޓަކަށް އައު ޓާމިނަލުން ހިދުމަތް ދޭނެއެވެ. އަދި ފިޔަވަހިތަކަކަަށް ބަހާލައިގެން އެހެނިހެން އެއާލައިންތަކަށް އައު ޓާމިނަލުން ހިދުމަތް ދޭން ފަށާނެއެވެ. މިހާރު ވީއައިއޭއަށް ދަތުރުކުރާ 34 އެއާލައިނަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށޭނީ އަންނަ ސެޕްޓެންބަރު މަހުއެވެ. 

އައު ޓާމިނަލކީ އަހަރެއްގެ މައްޗަށް 7.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭހައި ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނެކެވެ. އެތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެއެވެ. އަމިއްލައަށް ޗެކިން ހަދާ 6 ކިއޯސްކު ގާއިމުކޮށްފަައިވެއެވެ. 

އެމްއޭސީއެލްއިން ބުނެފައިވާ ގޮތުން ވީއައިއޭގެ އައު ޓާމިނަލާއެކު މިހާރު ހުރި ޓާމިނަލަށްވުރެ 30 އިންސައްތަ ހިދުމަތް އަވަސްވާނެ ކަމަށެވެ. ޓާމިނަލުގައި ފުލައިޓުތަކުން ފަސިންޖަރުން ފޭބުމަށް ބޭނުންކުރާ 12 އެއޮރޯ ބުރިޖު ހުންނާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު