ENGLISH

27 ޖުލައި 2025

Advertisement

އައު ޓާމިނަލާއެކު ފެށެނީ ދިވެހި އިގުތިސާދުގެ އައު ބާބެއް

27 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ހަވާއަރުވަނީ، ފޮޓޯ: ރައީސް އޮފީސް

ދަތުރުފަތުރާއި މުވާސަލާތަކީ އިގުތިސާދީ ތަރައްގީ އެ މައްޗަށް ބިނާވާ އަސާސްތަކުގެ ތެރެއިން މުހިއްމު އެއް އަސާސެވެ. ވިޔަފާރިއާއި އިގުތިސާދީ ހަރަކާތް ފުޅާވުމުގައި ދަތުރުފަތުރުގެ ފަސޭހައިގެ ދައުރަކީ އެއްވެސް ދެބަސްވުމެއް ނެތި ހުރިހާ އިގުތިސާދީ މާހިރުން އެކަމަކާމެދު އެއްބަސްވާ ކަމެކެވެ. ދަތުރުފަތުރަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ގައުމުތަކުން ބޮޑު އިސްކަމެއްދީގެން އެކަމަށް ގިނަ ހޭދަތަކެއް ކުރަނީ މިދެންނެވި ސަބަބަށްޓަކައެވެ. 

ރާއްޖޭގެ އިގުތިސާދަކީ އެހެން ގައުމުތަކަށްވުރެ ބޮޑަށް ދަތުރުފަަތުރަށް ބަރޯސާވާ އިގުތިސާދެކެވެ. އެއީ ދިވެހި އިގުތިސާދުގެ މައި ސިނާއަތަކީ ފަތުރުވެރިކަމަށްވީތީއެވެ. ބޭރުން ރާއްޖެއަށް ފަސޭހައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންތެރިކަމެކެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި ހޮޓާތައް ހުރި ރާއްޖެއަށް އަންނަ ފަތުރުވެރިން އެންމެ ފުރަތަމަ ރާއްޖެއިން ފައިބާ ތަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއާޕޯޓުގެ ރަންވޭއަށްފަހު އެ މީހުންނަށް ފުރަތަމަ ފެންނާނެ މަންޒިލަކީ އެ އެއާޕޯޓުގެ ޓާމިނަލެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދާއިރާއަށް އައު އިންވެސްޓުމެންޓުތައް ގެންނަންޖެހެއެވެ. މުޅިން އައު ތަޖުރިބާތައް ތައާރަފުކުރަންޖެހެއެވެ. އައު ބާވަތްތަކުގެ ރިސޯޓުތަކާއި، ހޮޓާތައް ގާއިމުކުރަންޖެހެއެވެ. މިހާރު ރާއްޖޭގެ ފަތުރުވެރިކަން ވާސިލުވެފައި އޮތް މަރުހަލާއަށް ބަލާއިރު އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން މިއޮތީ ފަށާފައެވެ. އަދި އިތުރު އައު ބާވަތްތަކުގެ ރިސޯޓުތަކާއި ހޮޓާތައް ތައާރަފުވެއްޖެނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ މާ ބޮޑަށް އިތުރުވާނެއެވެ. 

ސަރުކާރުގެ އަމާޒު ހުރީ ފަތުރުވެރިކަން ސިންދަފާތުކުރުމަށެވެ. ކުޅިވަރު ފަތުރުވެރިކަމާއި ސަގާފީ ފަތުރުވެރިކަމާއި، ކޯޕަރޭޓު ފަތުރުވެރިކަން ތައާރަފުކުރާށެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ މުޅިން ތަފާތު ރިސޯޓުތަކާއި ހޮޓާތައް ހުޅުވާށެވެ. 

ދިވެހީންގެ ދިރިއުޅުން ތަޖުރިބާކުރުމަށް ފުރުސަތު ހުޅުވައިލާ ފަތުރުވެރިންނަަށް އިޝްތިހާރުކުރަން މިހާރުވެސްވަަނީ ފަށާފައެވެ. މަޝްހޫރު އިންފުލުއެންސާސް ރާއްޖެއަށް އައި ދިވެހި ރަށްފުށުގެ ދިރިއުޅުމުގެ ތަޖުރިބާތައް އެ ބޭފުޅުން އެގެންދަވަނީ ހިއްސާކުރަމުންނެވެ. އެމީހުންގެ މީސްމީޑިޔާ އެކައުންޓުތައް ބަލާ އެތައް މިލިއަން ލޮލެއް ރާއްޖެއަށް އަމާޒުވާއިރު އެ ހުޅުވެނީ ފަތުރުވެރިކަމުގެ އައު ބާޒާރެކެވެ. 

ނަމަވެސް ރާއްޖޭގެ އެއާޕޯޓު އޮތް ހާލަތަށް ބަލާއިރު ބޭނުންވާ މިންވަރަށް ފުލައިޓުތައް އިތުރުކުރެވެން ނެތެވެ. އައު ރަންވޭއާއެކު ޖައްސާ ފުލައިޓުތަކުގެ އަދަދު އިތުރުކުރެވުނަސް، އެ ފުލައިޓުތަކުން އަންނަ ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ޖާގައާއި ވަސީލަތްތައް ހުރި ޓާމިނަލެއް ނެތުމުން، އެއާލައިންތަކުގެ ދަތުރުތައް އިތުރުކުރުމަށް ނުވިސްނައެވެ. އައު އެއާލަައިންތަކުން ދަތުރުތައް ފަށަން ބޭނުންވިޔަސް އެއާޕޯޓުގެ ޓާމިނަލުގެ ދަތިކަމާހުރެ އެކަން ނުކުރެވެއެވެ. 

ކުރިން ދެންނެވި ފަދަ ފަތުރުވެރިކަމުގެ އައު އުފެއްދުންތައް ބާޒާރަށް ނެރެން ބަލާއިރު އެ ދާއިރާތަކުން އިންވެސްޓުކުރަން ތިބި ފަރާތްތަކަށް އޮތް ސުވާލަކީ މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވުރެ އިތުރަށް ފަތުރުވެރިން ގެނައުމާއި އެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގާބިލުކަން ރާއްޖޭގެ އެއާޕޯޓުގައި އެބަހުރިތޯ ކުރެވޭ ސުވާލެވެ. 

އައު ޓާމިނަލާއެކު މި ސުވާލަށް ޖަވާބު ލިބެއެވެ. އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގާބިލުކަން ލިބިފައިވާ ޓާމިނަލާއެކު ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް 5.2 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމުގައި ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކުން ލަފާކުރަނީ އެ ސަބަބާހުރެއެވެ. 

ޓާމިނަލް ހުޅުވުމުން އެއާޕޯޓުގައި މިހާރު ގާއިމުކުރެވިފައި އޮތް ބޮޑު ރަންވޭ އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެއެވެ. ފުލައިޓުތައް ޖައްސައި އަވަހަށް ފަސިންޖަރުން ބާލައި ހެދޭނެއެވެ. ދުވާލެއްގެ މައްޗަށް އެއާޕޯޓަށް ފާބާ ފަސިންޖަރުންގެ އަދަދު އިތުރުކުރެވޭނެއެވެ. އެއާޕޯޓަށް ދަތުރުކުރާ މަތިންދާބޯޓުގެ އަދަދު އިތުރުކުރެވޭނެއެވެ. 

ނަތީޖާއެއްގެ ގޮތުން އައު އެއާލައިންތަކުން އެއާޕޯޓަށް ދަތުރުކުރަން ފަށާނެއެވެ. މިހާރު ދަތުރުކުރާ އެއާލައިންތަކުން ދަތުރުކުރާ މަތިންދާބޯޓުގެ އަދަދު އިތުރުކުރެވޭނެއެވެ. އެއާއެކު ފަތުރުވެރިކަން ސިންދަފާތުކުރަން ފެށުމުން އަލަށް ހުޅުވައިލެވޭ ބާޒާރުތަކުން އަންނަ ފަތުރުވެރިންނަށް މަރުުހަބާ ކިޔުމުގެ ގާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ. 

އެއާއެކު އެންމެ ބޮޑު ބަދަލަކަށްވާނީ ރާއްޖެއިން ފަތުރުވެރިން ތަޖުރިބާކުރާ "ލަގްޒަރީ" އެކްސްޕީރިއަންސް ފެށޭ ހިސާބަކީ ރިސޯޓު ނުވަތަަ ގެސްޓުހައުސް ކަމުގައި ނުވެ، ރާއްޖޭގެ ފަސްގަނޑުގައި ފަތުރުވެރިޔާގެ ފައި ބީއްސާލާ ވަގުތުން ފެށިގެން އެ ތަޖުރިބާއާއި އެ މަތީ ފަންތީގެ ހިދުމަތުގެ އިހުސާސް ކުރެވެން ފެށުމެވެ. ދުނިޔޭގެ އެއްވަނަ މަންޒިލުގެ މައި ދޮރާއްޓަކީ މަތީ ފަަންތީގެ ހިދުމަތާއި، ވަސީލަތުން ތަނަވަސްކުރެވިފައިވާ ދޮރާއްޓަކަށްވުމުން އެ ހުޅުވައިލެވެނީ އިގުތިސާދުގެ އައު ބާބެކެވެ. 

ކިޔުންތެރިންގެ ހިޔާލު