ENGLISH
27 ޖުލައި 2025
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ރައީސް ދެއްވައިފި
27 ޖުލައި 2025
|
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅުންނަށް ޝަރަފު އެރުވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
މިބޭފުޅުންނަށް ޝަަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރެއްވީ އަދު ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ ރަސްމީ ޖަލްސާގައެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހުލާސްތެރިކަމާއެކު ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށް، އެ ބޭފުޅަކު ވަޒީފާގައި ހުންނެވިއިރު މަސައްކަތްކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިނާމު ދެއްވި 94 ބޭފުޅުންނަކީ ސާޅީސް އަހަރަށްވުރެ ދިގު މުއްދަތެއް ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅުންނެވެ. 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު އަރުވާނީ ގައުމީ ދުވަހުގެ ޖަލްސާގައެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތްކުރީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.
މިއަދުގެ ޖަލްސާގައި ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅުންނަށް އެވޯޑު އެރުވުމުގެ އިތުރަށް، ދައުލަތަށް އަގުހުރި ހިދުމަތް ކުރެއްވި ތިން ބޭފުޅަކަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބު އަރުވާފައިވެއެވެ. އެއީ ކުރީގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާނާއި ކުރީގެ މިނިސްޓަރު ހަސަން ސޯބިރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
އެ ތިން ބޭފުޅުންގެ އިތުރުން އަހުމަދު ސަލީމު (ނަންރީތި ސަލީމް)އަށް ހާރިޖީ ހިދުމަތުގެ ޝަރަފުވެރިކަމުގެ އިއްޒަަތްވެސް މިއަދުގެ ޖަލްސާގައި ރައީސް އެރުވިއެވެ.